ޢިބްރަތްތެރި ވާހަކަ: ތަނަވަސްކަން ރަންދަރިއަށް ދިނުމުން އިނދަޖެހި ގެދޮރުވެސް ވިއްކާލަންޖެހުމުން ގުއިދަރީގެ އެހީތެރިކަން ހޯދަންޖެހުނު ދެމަފިރިއެއްގެ ވާހަކަ-

ދަރިންގެ މެދުގައި ތަފާތުކުރުމުން ކުރިމަތިވާ މައްސަލަތައް ގިނަފަހަރު އޮންނަނީ ޙައްލުނުކުރެވިފައެވެ. އެއީ ނިކަމެތިކުރެވުނު ދަރިފުޅަށް އޭނާ ބޭނުންވިޔަސް މައިންބަފައިންނަށް މާފުކުރަން އުނދަގޫވާތީއެވެ. ރަނގަޅު ގޮތުގައި މާފުކުރެވެނީ މަދު ދަރިއަކަށެވެ.  
މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދެނީ ހިތްދަތިކަން އިންތިހާއަށް ލިބުމުންވެސް އެންމެ ފުރިހަމަ ގޮތުގައި މާފުކުރި ދަރިއެއްގެ ވާހަކައެވެ. ހުރި ތަނަވަސްކަން ރަންދަރިއަށް ދިނުމުން ބަނގުރޫޓުވެ ގެދޮރު ވިއްކާލަން ޖެހުނު ދެމަފިރިއެއްގެ ވާހަކައެވެ. ދެން އެހެން ގޮތެއް ނެތުމުން މާލެވެސް ދޫކޮށްލައި ގުއިދަރި ދިރިއުޅޭރަށަށްގޮސް އެދަރިފުޅުގެ އެހީތެރިކަމުގައި އުޅެންޖެހުނު ގޮތުގެ ވާހަކައެވެ. ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލްކުރައްވާށެވެ!  
އަޅުގަނޑުމެންގެ ތިބީ ދެބެއިންނެވެ. އެއީ އަޅުގަނޑާއި އަޅުގަނޑުގެ ބޭބެއެވެ. ނަމަވެސް ހިތާމައަކީ ދެބެއިންގެ މެދުގައި ކަންކަން ތަފާތުކުރާލެއް ބޮޑުކަމެވެ. ރަންދަރިންނާއި ގުއިދަރިންގެ ވާހަކަ މީހުން ދައްކައެވެ. އަޅުގަނޑުގެ ޙާލަތަށް ބަލައިފިނަމަ އަޅުގަނޑު ހިމެނޭނީ ގުއިދަރިންގެ ތެރެއިންވެސް ގުއިދަރިއަކަށެވެ. 
އަޅުގަނޑު ގެންގުޅުނީ ރާއްޖެތެރެއިން ގެންނަ ކުދިން މާލޭގެ ބައެއް ގޭގޭގައި ގެންގުޅޭކަމަށްބުނާ އެންމެ ނުބައިގޮތަށްވުރެވެސް ނުބައި ގޮތަކަށެވެ. ދުވަހަކުވެސް ކިޔަވަން އިށީނދެލާނެ ވަގުތެއް ނުވެއެވެ. އަބަދުވެސް ޖެހިފައި އޮންނަނީ ޢުމުރާއި ނުވެސް ގުޅޭވަރުގެ ބުރަ މަސައްކަތްތައް ކުރާށެވެ. އަދި ކިތަންމެ ރަނގަޅަށް މަސައްކަތްކުރިނަމަވެސް ތަޢްރީފްގެ ބަހެއް ނުލިބެއެވެ. ކިތަންމެ ވަރަކަށް ފަރުވާ ބަހައްޓައިގެން ކެއްކިނަމަވެސް ދުވަހަކުވެސް މީރުކޮށް އެއްޗެއް ކެއްކޭކަމަކަށްވެސް ނުވެއެވެ.  
ކޮންމެއަކަސް 18 އަހަރުފުރުމުން ގެއިން ނުކުމެގެން ދާން ބޭނުންވިއެވެ. އެކަމަށްވެސް ހުއްދައެއް ނުދިނެވެ. ބުނީ ދެމަފިރިން މުސްކުޅިވާ ދުވަހު ބަލާނެ މީހަކު ގާތުގައި ހުންނަން ޖެހޭނެ ކަމަށެވެ. ކައިވެނިކުރަން ބޭނުން ކަމަށް ބުނުމުން ބުނަނީ އަދި މާއަވަސްކަމަށެވެ.  
ކޮންމެއަކަސް އެފަދަ ޙާލެއްގައި ދިރިއުޅެމުންދަނިކޮށް ޒުވާނަކާއި ބައްދަލުވެ ލޯބީގެ ގުޅުން އުފެދުނެވެ. ބައްޕަމެން ރުހިގެން ވަލީ ލިބިގެން ރާއްޖޭގައި ކައިވެނި ނުކުރެވޭނެކަން އެނގޭތީ ފިލައިގެން ދިއައީ ސްރީލަންކާއަށެވެ. ކައިވެނިކުރީ ލަންކާގައެވެ. ކައިވެނިކޮށްގެން އައިގޮތަށް ދިއައީ ފިރިމީހާގެ ރަށަށެވެ. 
ހުއްދަ ނުނަގާ ރާއްޖެއިން ބޭރުގައި ކައިވެނިކުރީތީ މައްސަލަވެސް ޖެހުނެވެ. ނަމަވެސް އެކަން އެގޮތަށް ކުރަންޖެހުނު ސަބަބުތައް ބަޔާންކޮށްދިނުމުން މާބޮޑު މައްސަލައަކަށްނުވެ އެކަން ނިމިއްޖެއެވެ.  
މަންމަމެންނާއި ގުޅަމެވެ. ޙާލުބަލަމެވެ. ހަދިޔާވެސް ފޮނުވަމެވެ. ބަދަލުގައި އަޅުގަނޑަށް އެއްވެސް އެއްޗެއް ނުވެސް ފޮނުވައެވެ. އެކަމަކާއި ދެރައެއްވެސް ނުވެއެވެ. އަޅުގަނޑުކުރާ ކަމެއް ކުރަނީ ﷲ އަށްޓަކައިކަމަށްވާތީއެވެ. ނަމަވެސް މައިންބަފައިން ދެކޭކަށް ނާންނަމެވެ.  
އަޅުގަނޑު ގެއިން ނުކުތްއިރު ބައްޕަގެ ދެފިހާރަހުރެއެވެ. 2 ކާރު އޮވެއެވެ. ދިރިއުޅެމުން އައީ ތަނަވަހުގައެވެ. އަޅުގަނޑުގެ ފިރިމީހާ ނިޞްބަތްވަނީ މަސްވެރި ޢާއިލާއަކަށެވެ. މަހަށް ގޮސްގެން ލިބޭ ފައިސާއެއްކޮށްގެންނާއި އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއިވެސްއެކު ފިރިމީހާ އަމިއްލަ މަސްދޯންޏެއްވެސް ބަނެވެ. މިލިއަނުން ފައިސާ ނުލިބުނު ނަމަވެސް އުފަލުގައި ދިރިއުޅެލެވޭވަރުވެއެވެ. އެހެންވެ 2،3 އަހަރެއްގެ ތެރޭގައި މީހެއްގެ ގޯތި ގަނެގެން އެގޯތީގައި ގެއެއްވެސް އެޅީމެވެ.  
އަޅުގަނޑު ގެއިން ނުކުތްތާ 8 ވަނަ އަހަރެވެ. މައިންބަފައިން އިސްވެ ކުރި ފުރަތަމަ ކޯލެވެ. ބުނީ ބޭބެ ވިޔަފާރިކުރަން ލޯނެއް ނަގައިދިނުމުން އެ ލޯނު ނުދެއްކިގެން ގެ ވިއްކާލަންޖެހުނު ވާހަކައެވެ. ތަނެއް ކުއްޔަށް ހިފާނެ ފައިސާވެސް އަތުގައި ނެތް ކަމަށެވެ. ބައްޕަގެ މުއްސަނދިކަން ކޮބައިތޯ ސުވާލުކުރުމުން ބުނީ 2 ފިހާރަވެސް ބޭބެއަށް ދިނުމުން ވިޔަފާރި ހުލިވެގެން ދިއައީ ކަމަށެވެ.  
އަޅުގަނޑު ބުނީމެވެ. އަޅުގަނޑަށް ކޮށްދެވޭނެ ކަމަކީ މިރަށަށް އަތުވެއްޖެނަމަ މައިންބަފައިންގެ މަޤާމުގައި ބެލެހެއްޓުމެވެ. އިރާދަކުރެއްވިއްޔާ އެކަން ކުރާނަމެވެ. ދެމަފިރިން އަޅުގަނޑާއި ހަމައަށް އައުމުން މިގެންދަނީ ބަލަމުންނެވެ. ދަރިއަކަށް ލޯބި ދެވޭނެ އެންމެ ފުރިހަމައަށް ލޯބިދީގެންނެވެ. އަޅުގަނޑާއިމެދު ކަންކަން ކުރިގޮތާއިމެދު އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އެވާހަކަ ދުވަހަކުވެސް ނުދައްކަމެވެ.  
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ޚާއްޞަކޮށް މައިންބަފައިންނޭވެ! ޤިޔާމަތް ދުވަހު ﷲ ސުވާލުކުރައްވަވާނީ ހަމައެކަނި ދަރިންނަކަށް ނޫނެވެ. މައިންބަފައިންނާއިވެސް ސުވާލުކުރައްވަވާނެއެވެ. ވީމާ އެއްދަރި ރަންކޮށްފައި އަނެއްދަރި ގުއިކުރަން ހެޔޮނުވާނެއެވެ! ދުޢާއަކީ އަޅުގަނޑަށް ލިބުނު ނިކަމެތިކަން އެހެން އެއްވެސް ދަރިއަކަށް ނުލިބުމެވެ.
 
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ