އަނބިދަރިންނަށާ ދިރިއުޅުމުގެ އެއްވެސް ކަމަކަށް ފޫހިވެވޭނަމަ ޢަމަލކުކުރަން އެންމެ ފައިދާހުރި ގޮތް!

އަހަރެމެންގެ ދިރިއުޅުމަށް ވިސްނައިލާއިރު ކަންކަން ހިނގަމުންދަނީ ކަންބޮޑުވާންޖެހޭ ފަދަ ގޮތްތަކަށެވެ. ހަމަޖެހިލައިގެން ދިރިއުޅެމުންދާ ބައެއް ޢާއިލާތަކުގައި ވެސް ހަމަ ކުއްލިއަކަށް މައްސަލަތަކެއް އުފެދިދާނެއެވެ. އެއިގެ ތެރޭގައި، އަނބިން، ދަރިން، ފިރިން މަތިން ފޫހިވުން ހިމެނެއެވެ. 
އަދި ގޭގައި މަޑުކުރާހިތް ނުވުމާއި މިނޫން ވެސް ތަފާތު މައްސަލަތައް ހިމެނެއެވެ. ހަމައެކަނި ފިރިންނެއްވެސް ނޫނެވެ. އަނބިމީހާވެސް ގޭގައި އިންނަން ފޫހިވެ ގެއިން ބޭރުގައި އުޅޭތަން އެބަފެނެއެވެ. 
މިފަދަ މައްސަލަތައް އުފައްދުވަނީ ޝައިޠާނާއެވެ. އިބިލީހެވެ. ނަމަވެސް ގިނަ ފަހަރު އިބިލީހަށް އެ ފުރުޞަދެނީ އަހަރެމެންނެވެ. އެފަދަ މައްސަލަތައް އުފައްދަން އިބިލީހަށް އެހައި ފަސޭހަވަނީ އިބިލީހަށް އެކަން ކުރަން ދައުވަތު ދެވޭތީއެވެ. މިހެން ބުނުމުން ނޫން! ނޫން! އަހަރެމެން ދުވަހަކުވެސް އިބިލީހަށް އެއްވެސް ކަމަކަށް ދައުވަތެއް ނުދެމވެ ބުނެފާނެއެވެ! 
އެކަން ހިނގާ ގޮތަކީ އަހަރެމެން ތަޤްވާވެރިކަމާއި ދުރުހެލިވަނީއެވެ. ﷲ ތަޢާލާ އާއި އޮންނަ ގުޅުން ދުރުހެލިކުރެވެނީއެވެ. އިބިލީހަށް އެންމެ ބޮޑަށް ފުރުޞަތު ލިބެނީ އެހިސާބުންނެވެ. އެ ހިސާބުން ފުރަތަމަ ކަމެއްގެ ގޮތުން އަނބިން ފިރިންނަށް އަދި ފިރިން އަނބިންނަށް ޚިޔާނާތްތެރިވާން ފަށާނެއެވެ. އެކަން ވެސް ކުރުވަނީ ހަމަ އިބިލީހެވެ. އަދި ދެމަފިރިން ވަރިފަށަށް އަރުވާލުމުގައި ހުރަހަކަށް ވެފައިވަނީ ދަރިފުޅު ނަމަ ދަރިފުޅު މަތިންވެސް ފޫހިކުރުވާނެއެވެ! ކީއްވެގެން ހެއްޔެވެ؟ ދެމަފިރިން ދުރުކުރަން ފުރުޞަތު ފަހިކުރުވުމަށެވެ. 
މިހިސާބަށް ކަންކަން ދިއުމުން ގިނަ ބައަކަށް އެކަންކަމަށް ޙައްލު ހޯދުމުގެ ނަމުގައި އަނެއްކާވެސް މިއެދެވެނީ ހަމަ އެ މައްސަލަތައް އުފެއްދުވި އިބިލީހުގެ އެހީތެރިކަމަށެވެ. ހިތުން މިދަނީ ފަނޑިތަވެރިއެއް ގާތަށެވެ. ނަމަވެސް ހަޤީޤަތުގައި މިކުރެވޭ ކަމަކީ އިބިލީހުގެ އެހީތެރިކަމަށް އެދުމެވެ. ފަނޑިތަވެރިޔާ އެހީ ހޯދަނީ ޝައިޠޯނުންގެ ކިބައިން ކަމަށްވާތީއެވެ. 
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ހުރިހާ ކަމެއްގެވެސް ހައްލު އޮތީ ތަޤްވާވެރިވުމުގައެވެ. ކަމެއް ކުރިމަތިވުމުން ދުއްވައިގަންނަންވީ ފަންޑިތަވެރިން ހޯދާކަށް ނޫނެވެ. ތަޤްވާވެރިކަން އިތުރުކުރަންވީއެވެ. ﷲ ތަޢާލާ އާއި އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރަންވީއެވެ. އެކަން ކުރަން އޮތް މަގަކީ ގިނަގިނައިން ތައުބާވެ މަދަދަށް އެދި ދުޢާ ކުރުމެވެ. 
ފަރުޟު ނަމާދުތައް ފުރިހަމައަށް އަދާކުރަން ސަމާލުކަން އިތުރުކުރާށެވެ. ލިބޭ މިންވަރަކުން ޞަދަޤާތް ދިނުން އިތުރުކުރާށެވެ! ކީރިތި ޤްރްއާން ކިޔެވުން އިތުރު ކުރާށެވެ! ވީވަރަކުން ސުންނަތް ރޯދަތައް ހިފަން ފަށާށެވެ! ސިކުނޑި ހަމަޖައްސަން ބެސްކައިގެން ގަދަކަމުން ނިދުމުގެ ބަދަލުގައި ދަންވަރު ހޭލައި ދަމުނަމާދުކުރާށެވެ. އެއަށްފަހު ދެއަތް އުފުލައި ﷲ ތަޢަލާއަށް ދުޢާކުރުން ގިނަކުރާށެވެ! 
ހަނދާން ނައްތައިނުލާށެވެ! އެންމެ މުހިންމީ ކަމެއް ކުރިމަތިވުމުގެ ކުރިން ސަލާމަތްވުމަށް މަސައްކަތް ކުރުމެވެ. މާނައަކީ އަބަދުވެސް ގިނަގިނައިން ތައުބާވެ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަންމަތީގައި ދެމިތިބުމެވެ. ﷲ ތައާލާ އަޅުގަނޑުމެންނަށް އުޅުން ދައްކަވާފައިވާ މަގުގައި އަބަދުވެސް ފުރިހަމައަށް ސާބިތުވެ ތިބުމެވެ. އެއިރުން އަހަރެމެންނާއި ހަމައަށް ވާސިލުވުން އިބިލީހަށް ފަސޭހައެއް ނުވާނެއެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ