މި އަހަރަށް ފޯރިގަދަ ހަރަކާތްތަކަކާއެކު، ދިރާގު ގޭމާސް ގިލްޑް ސީޒަން 2 އިފުތިތާހުކޮށްފި
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)ގެ ސީޒަން 2, ރޭ ދިރާގު ހެޑްއޮފީހުގައި އިފުތިތާހުކޮށްފިއެވެ. ޑީޖީޖީގެ ސީސަން ލޯންޗް އިވެންޓްގައި މި އަހަރަށް ރާވައިފައިވާ މުބާރާތްތަކާއި، ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި އެކި ގޭމިން ހަރަކާތްތައް ކުރިއަށްދިޔައިރު، 'ފެންފުޅި' ބޭންޑުގެ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތައް އަޑުއަހާލުމުގެ ފުރުސަތު ހާޒިރީންނަށް ދީފައިވެއެވެ. ދިރާގުން ބުނި ގޮތުގައި މިދިޔަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެކެވެ. އެގޮތުން 11,000އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓްރީވެފައިވާއިރު، ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން، ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ދިންކަން ދިރާގުން ފާހަގަކުރިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ވޭތުވެ ދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓް މަހު ބޭއްވި، ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ބޮޑު ގޭމިން ހަރަކާތް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓްއެވެ. އެ ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިން މާހައުލެއް ބިނާކުރުމަށް ޑީޖީޖީއިން ކުރާ މަސައްކަތްތަކުގެ ހެކިތަކެއް ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނިން ބުނީ ޑީޖީޖީގެ އަމާޒަކީ 2026 ވަނަ އަހަރު ގޭމިން ކޮމިއުނިޓީ އިތުރު އައު އުސްމިންތަކަކަށް ގެންދިޔުން ކަމަށެވެ. އޭގެ ތެރޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މުބާރާތްތައް ބޭއްވުމާއި، ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ. ރޭ ބޭއްވި ރަސްމިއްޔާތުގައި ޑީޖީޖީގެ "ލީޑަބޯޑްސް" ތައާރަފުކޮށް، މި އަހަރުގެ ތެރޭގައި "ގިލްޑް ފީޗާސް" ތައާރަފު ކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. މީގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވާދަވެރި ރޫހު އިތުރުވާނެ ކަމަށް ދިރާގުން ބުންޏެވެ. އެ ހަފުލާގައި، ރާއްޖޭގެ އީ-ގޭމިން ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕާޓްނަރުން އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އަރުވައިފައެވެ. އެގޮތުން، ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސަރު "މިނީސޯ"، އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް"، "މެގަޗިޕް" އަދި "ޝީޝާ" އަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ޑީޖީޖީއަށް އެހީތެރިކަން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތައް ކަމަށް ދިރާގުން ފާހަގަކުރިއެވެ. ދިރާގުން ވަނީ، ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް ބުނެފައެވެ. އަދި ދިވެހިރާއްޖޭގެ ގޭމިންގް ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، 'ޑީޖީޖީ' އިން ދަނީ ނަމޫނާ ދައްކަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ޑީޖީޖީއާ ގުޅޭ އިތުރު މައުލޫމާތުތައް ކަމާ ގުޅޭ ވެބްސައިޓުން ލިބެން ހުންނާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ