ދަރަނީގެ މައްސަލަ ސަރުކާރަށް އެކަނި ހައްލުކުރެވެން ނެތް، ދަންތުރައެއްގައި ބަނދެވިފައިވާކަން ސާފު: ނަޝީދު
ރާއްޖޭގެ ދަރަނީގެ މައްސަލައަކީ ސަރުކާރަށް އެކަނި ހައްލުކުރެވެން އޮތް މައްސަލައެއް ނޫން ކަމަށާއި، ގައުމު ދަރަނީގެ ދަންތުރައެއްގައި ބަނދެވިފައިވާކަން ސާފުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ މިހާރު ގައުމީ މައްސަލައެއް ކަމަށާއި ބޮޑު އިންޓްރެސްޓު ރޭޓުގައި ދަރަނި ނަގައިގެން، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށެވެ. އެ ކަމުން ހާމަވަނީ ރާއްޖެ، ދަރަނީގެ ދަންތުރައިގައި ރަނގަޅަށް "ބަނދެވިފައިވާކަން" ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ. https://x.com/MohamedNasheed/status/2017939189296214157 ނަޝީދު އެ ފަދައިން ވިދާޅުވިއިރު، މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރެއް ހިމެނޭހެން، މި އަހަރު ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި ރާއްޖޭން ދައްކަންޖެހެއެވެ. އެއީ، 15 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފައިސާ އަނބުރާ ދައްކާ ގޮތަށް، ސުކޫކް ނުވަތަ ބޮންޑު ވިއްކައިގެން ފައިސާ ހޯދުމަށް ފަހު، ދަރަނި ދެއްކުމަށެވެ. އެކަމާ ގުޅިގެން މީގެ ކުރިން ވެސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަށް އިތުރަށް ފައިސާ ދޭން އިންވެސްޓަރުން ބޭނުންވާކަމާމެދު ޝައްކު އުފެދޭ ކަމަށާއި، އެހެންވެ، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ވެސް އެބައޮތް ކަމަށެވެ. ރާއްޖޭގެ ދަރަނި ބޮޑުވުމާ ގުޅޭ ގޮތުން ބޭރުގެ މާލީ އިދާރާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުން ޚަރަދު ކުޑަކުރަން ގޮވާލައިފައިވެއެވެ. އެ ކަންބޮޑުވުންތަކާއެކު ވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވިއިރު، ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދަރައިފައިވާ ފައިސާ، ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑަކުން ދައްކަން އުޅޭ ކަމަށް ޚަބަރު ވަނީ ފެތުރިފައެވެ. ޕެންޝަން އޮފީހުގެ ބޮންޑުގެ މުއާމަލާތާ ގުޅިގެން، އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. https://sun.mv/217413 އޭގެކުރިން، ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމް ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 22ގައި އިސްތިއުފާ ދެއްވައިފައެވެ. އެއަށްފަހު، މިދިޔަ ނޮވެންބަރު މަހުގެ ނުވަ ވަނަ ދުވަހު، ވަކި ސަބަބެއް ހާމަ ނުކުރައްވައި، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތް 'ޖަންކް' ރޭޓިން ދެމެހެއްޓުމުގެ ސަބަބުން ރާއްޖެއަށް ބޭރުގެ ފައިނޭންސިން ހޯދަން ދަތިވާނެއެވެ. އެހެންވެ، މި އަހަރު ދައްކަންޖެހޭ ދަރަނި ރީފައިނޭންސް ކުރެވިދާނެތޯ އިދިކޮޅު ބައެއް ބޭފުޅުން ސުވާލު އުފައްދައެވެ. އެ ގޮތުން، އެމެރިކާގެ ކާގިލްސްއިން 15 އިންސައްތައިގެ އިންޓްރެސްޓް ރޭޓެއްގައި ދަރަނި ދައްކަން 300 މިލިއަން ޑޮލަރުގެ ދަރަންޏެއް ނަގަން އުޅޭކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެ ބޮޑު އިންޓްރެސްޓް ރޭޓުގެ ދަރަނި ނެގުމާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ދަރަނި އަނބުރާ ދެއްކުމާ މެދު ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން އަންނަނީ ވަގުތުގައި ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ