ރާއްޖެއަށް ޗާގޯސް ލިބިއްޖެ ނަމަ އެމެރިކާގެ ބޭސް އޮޕަރޭޓުކުރަން މަގުފަހިކޮށްދޭނަން: ރައީސް

ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ ނޭވަލް ސަޕޯޓް ފެސިލިޓީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކޮށް، އެ ތަނުގެ މުހިންމު އަސްކަރީ މަރުކަޒު އަނބުރާ ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ 'ބޮޑު މޮޔަ ކަމެއް' ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ތާއީދުކުރެއްވި ނަމަވެސް، މި ފަހުން ޓްރަމްޕް ވަނީ އެ ވިސްނުން ބަދަލުކުރައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ އިނގިރޭސިވިލާތުން އެހާ މުހިންމު ތަނެއް ދޫކޮށްލުމަކީ 'ބޮޑު މޮޔަ ކަމެއް' ކަމަށެވެ.
ގުޅުން ހުރި - ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މޮރިޝަސްއަށް ވުރެ ބޮޑަށް، ޖިއޮގްރަފީގެ ގޮތުންނާއި ތާރީހީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް ރާއްޖެއަށް އޮތް ހައްގު ބޮޑު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އިނގިރޭސިވިލާތުގެ 'އެކްސްޕްރެސް.ކޯ.ޔޫކޭ' ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.
ތަފްސީލް - ޗާގޯސް މައްސަލާގައި އެމެރިކާގެ 'ނިއުސްވީކް' މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ޑިއޭގޯ ގާސިއާގައި އޮންނަ ނޭވަލް ސަޕޯޓް ފެސިލިޓީގެ ބޭނުން ކުރައްވަން ރައީސް ޓްރަމްޕް ބޭނުންފުޅުވާކަން ހާމަވާ ކަމަށާއި ރާއްޖެއަށް ޗާގޯސްގެ މިލްކުވެރިކަން ލިބިއްޖެ ނަމަ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެމެރިކާގެ 'ނޭވަލް ސަޕޯޓް ފެސިލިޓީ ޑިއޭގޯ ގާސިއާ' ބޭސް ކުރިއަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖައްސަން ތައްޔާރަށް ހުންނެވި ކަމަށެވެ.
"އިނގިރޭސިވިލާތުގެ މިލްކުވެރިކަމުގެ ދަށުގައި ޗާގޯސް އޮތްއިރު، އެ ގައުމާއި އެމެރިކާއާ ދެމެދުގައި އޮންނަ ސަލާމަތީ އަދި ދިފާއީ އެކި އެއްބަސްވުންތަކުގެ ދަށުން، ރާއްޖެ ހިމެނޭހެން އެހެން ގައުމުތަކާ އެކު ވެސް ޑިއޭގޯ ގާސިއާ ބޭސް ބޭނުންކުރުމުގެ ފުރުސަތު އޮވޭ،" ރައީސް ވިދާޅުވި އެވެ.
"ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުވެއްޖެ ނަމަ، މިހާރު އޮތް ހާލަތު (ސްޓޭޓަސް ކޯ) އެގޮތުގައި ދެމެހެއްޓުމަށްޓަކައި، އަޅުގަނޑުމެންގެ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއި ހުއްދަ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ޗާގޯސްއަކީ މިހާރު މީހުން ދިރިނޫޅޭ އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. މިއީ ޑިއޭގޯ ގާސިއާ ބޭހުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށްދޭ ދެ ސަބަބު ކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ކަނޑުގެ އެތައް ހާސް މޭލެއްގެ ބޮޑު ސަރަހައްދެއް ހިމާޔަތްކުރުމާ އެކު، އަޅުގަނޑުމެންގެ އިގްތިސާދުގެ މައި ނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ކުދި ރަށްތައް ތަރައްގީކުރުމުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު ތަޖުރިބާ ލިބިފައިވާ ގައުމު،" ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ މިހާރުގެ ބޯޑަރުގެ ތެރޭގައި ހިމެނޭ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި، އާބާދީ ނުބައްދަލު މިންވަރަށް އިތުރުކުރުމާއި ތިމާވެއްޓަށް ގެއްލުންވާ ފަދަ ތަރައްގީ ގެނައުމުގެ ބަދަލުގައި އަޅުގަނޑުމެން އަބަދުވެސް އިސްކަންދެނީ އެ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމަށް. ޗާގޯސް ރާއްޖޭގެ ބައެއްގެ ގޮތުގައި ހަމަޖެހުނަސް އަޅުގަނޑުމެން އަމަލުކުރާނީ ހަމަ އެ އުސޫލުން."
ފާހަގަކޮށްލެވޭ - ރައީސް ވަނީ މި މައްސަލައިގައި އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވިކަން، 2024ގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ހާމަކުރައްވާފަ އެވެ.
މިދިޔަ މޭ މަހު އިނގިރޭސިވިލާތުން ސޮއިކުރި 3.4 ބިލިއަން ޕައުންޑް (4.6 ބިލިއަން ޑޮލަރު)ގެ އެއްބަސްވުމެއްގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސިވިލާތުން އެއްބަސްވި ނަމަވެސް، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒުގެ ބާރު އިނގިރޭސިވިލާތަށް އޮންނާނެ އެވެ. އެގޮތުން، 99 އަހަރުގެ މުއްދަތަކަށް ޑިއޭގޯ ގާސިއާ އަނބުރާ ކުއްޔަށް ހިފުމަށް އަހަރަކު 101 މިލިއަން ޕައުންޑް އިނގިރޭސިވިލާތުން ހޭދަކުރާނެ އެވެ.
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް ހުކުމްކޮށްފަ އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ލިބުނެވެ.
އިޓްލޮސްއިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. 
ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް، ގެއްލުނު ކަމަށް ބުނާ ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ހިމަނައި އެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ފެށި އެވެ. އެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނަގައި ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ވެސް ހޯދި އެވެ.
އެކަމަކު އިޓްލޮސްގެ ނިންމުން މުރާޖައާކުރަން މިހާތަނަށް ސަރުކާރުން ހުށަހަޅާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ