ޓްރްމަޕްގެ ކަންބޮޑުވުންތަކަށް ރައީސް: ޗާގޯސް ރާއްޖެއަށް ލިބިއްޖެނަމަ، އެމެރިކާގެ މަރުކަޒު ހިންގޭނެ ގޮތެއް ހޯދިދާނެ
ރާއްޖޭގެ ދެކުނަށް އޮތް، ޗާގޯސް ނުވަތަ ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާއިން ހަދައިފައިވާ އަސްކަރީ މަރުކަޒު ހިންގުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެތައް އަހަރެއް ވަންދެން އޮތް އަރައިރުންތަކަށް ފަހު މިދިޔަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދު މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. ރާއްޖޭން ވެސް ޗާގޯސް ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، މީގެ ކުރިން އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ރައީސް މުއިއްޒު ވަނީ ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ރައީސް ވަނީ އެމެރިކާގެ ނޫހަކަށް ވެސް އެ މައްސަލައާ ގުޅޭ ގޮތުން އިންޓަވިއުއެއް ދެއްވައިފައެވެ. https://sun.mv/216960 އެ މަނިކުފާނު 'ނިއުސްވީކް'އާ ވާހަކަދައްކަވަމުން ވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޅުކުރައްވާ ޚިޔާލުތަކަށް އިޝާރާތްކުރައްވައިފައެވެ. ޓްރަމްޕްގެ ކަންބޮޑުވުންތައް ގުޅިފައިވަނީ، ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހަދައިފައިވާ ސްޓްރެޓީޖިކް ގޮތުން މުހިންމު އަސްކަރީ މަރުކަޒަށެވެ. އިިނގިރޭސިން މޮރިޝަސް އިސްތިއުމާރުކޮށްފައި އޮތް ދުވަސްވަރު، ޗާގޯސްގެ މައްޗަށް ވެސް ވެރިވެގަތެވެ. އެގޮތުން 1965 ވަނަ އަހަރު އެ ރަށްތަކަށް ވެރިވެގެން، އިނގިރޭސިން އޮތީ، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް އެމެރިކާއަށް 2036ގެ ނިޔަލަށް ކުއްޔަށް ދީފައެވެ. އިނގިރޭސިވިލާތުން މިދިޔަ އަހަރު މޮރިޝަސްއާއެކު ހެދި އެއްބަސްވުމުގައި ވަނީ، ޑިއޭގޯ ގާސިއާގައި ހުރި އަސްކަރީ މަރުކަޒުގެ ކޮންޓްރޯލް އޮންނާނީ އިނގިރޭސިވިލާތާއި އެމެރިކާއަށް ކަމަށް ނިންމައިފައެވެ. އަދި މޮރިޝަސްއަށް ކުލީގެ ގޮތުގައި އަހަރަކަށް ގާތްގަނޑަކަށް 137 މިލިއަން ޑޮލަރު ދައްކަމުންދާނެ ކަމަށް އެއްބަސްވުމުގައިވެއެވެ. https://sun.mv/197498 އެހެންނަމަވެސް ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް ފާޑުވިދާޅުވެ، ގައުމީ ސަލާމަތާ ގުޅުންހުރި ކަންބޮޑުވުންތައް އޮތް ކަމަށް ވިދާޅުވެފައެވެ. އެ ކަންކަމަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޓްރަމްޕް ބޭނުންފުޅުވަނީ ޗާގޯސްގައި ރައްކާތެރި ގޮތުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހިންގުން ކަމަށް ވިދާޅުވެފައެވެ. އެގޮތުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަލާމަތާއި ދިފާއީ ބޭނުންތަކަށް މިހާރު ޑިއޭގޯ ގާސިއާ ބޭނުންކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. "ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، [ޑިއޭގޯ ގާސިއާގައި މިހާރު އަސްކަރީ މަރުކަޒު ހިންގާ ގޮތަށް] ކުރިއަށްދެވޭނެ ގޮތެއް، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ދިވެހި ސަރުކާރުން ހޯދާނެ،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ، ޗާގޯސްގެ ހިމާޔަތް ކޮށްފައިވާ ސަރަހައްދު ރާއްޖެއަށް ބެލެހެއްޓޭނެ ކަމަށާއި އެކަމުގެ ތަޖުރިބާ ރާއްޖެއަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. ޗާގޯސް ރަށްތައް: ގިނަ އަހަރުތަކަކަށް ފަހު އިނގިރޭސިވިލާތުން ވަނީ މޮރިޝަސްއާ އެ ރަށްތައް ހަވާލުކުރަން އެއްބަސްވެފައި -- ފޮޓޯ/ އަލާމީ ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކުން މީގެ ކުރިން ގޮވާލައިފައިވެއެވެ. އަދި، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ. އެ ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ