ބާޒާރުން އޮރެންޖު މަދުވެ، އޮރެންޖުގެ އަގު އުފުލެން ފަށައިފި

މާލޭ ބާޒާރުން އޮރެންޖު މަދުވެ، އޮރެންޖެއްގެ އަގު 10 ރުފިޔާއަށް އުފުލިއްޖެއެވެ.
މާލޭ ބާޒާރުމަތީ ފިހާރަތަކަށް ބަލާއިރު، ގިނަ ފިހާރަތަކަކުން އޮރެންޖު ހުސްވެފައި ހުރިއިރު، އޮރެންޖު ހުރި ފިހާތަކުގައި އޮރެންޖެއްގެ އަގު ހުރީ 6 ރުފިޔާ އާއި 10 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން މިއަދު އޮރެންޖެއްގެ އަގު 10 ރުފިޔާގައި ހުރިއިރު، އެއްގަމުގެ ގިނަ ފިހާރަތަކުން އޮރެންޖު ހުރީ ހުސްވެފައެވެ.
ހުޅުމާލެއަށް ބަލާއިރު ފޭސް ދޭއްގެ ބައެއް ސުޕަމާޓްތަކުގައި އޮރެންޖެއްގެ އަގު 13 ރުފިޔާގައި ހުރިއިރު، ހުޅުމާލޭ ފޭސް އެކެއްގެ މާރުކޭޓްތަކުގެ ގޮޅިތަކުން އޮރެންޖު ލިބެންހުރީ ވަރަށް މަދުންނެވެ. ބައެއް ފިހާރަތަކުން ބުނީ މިހާރު އޮރެންޖު ނުލިބޭކަމަށާއި، އަގުބޮޑުވެގެން އުޅެނީ އެހެންވެގެން ކަމަށެވެ. އަދި އޮރެންޖު ލިބޭނޭ ދުވަހެއް ނޭނގޭކަމަށްވެސް އެފަރާތްތަކުން ބުންޏެވެ.
ފޭސް ދޭއްގެ ސުޕަމާޓެއްގައި ވިއްކަން ހުރޮ އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް
ބާޒާރުން އޮރެންޖު ލިބުން ދަތިވެ، އޮރެންޖުގެ އަގު އުފުލިގެން ދިޔަނަމަވެސް އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާޓުން އޮރެންޖު 6 ރުފިޔާ އާއި 7 ރުފިޔާ އާ ދެމެދުގެ އަގުގައި ލިބެންހުރިކަމަށް ސުޕަމާޓުން ވަނީ ބުނެފައެވެ.
އޮރެންޖަކީ މޭވާގެ ތެރެއިން ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބާވަތެވެ. ބާޒާރުގައި އޮރެންޖުގެ އަގުތައް އުފުލުމާ ގުޅިގެން އެސްޓީއޯއިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން އޮރެންޖު އެތެރެކޮށް ވިއްކަން ފަށާފައެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަން ފެށިއިރު، މާލޭ ބާޒާރުގައި އޮރެންޖެއްގެ އަގު ހުރީ 12 ރުފިޔާގައެވެ. ނަމަވެސް ފަހުން ވަނީ އޮރެންޖުގެ އަގު 4 ރުފިޔާއަށް ދަށަށްގޮސްފައެވެ. ދޭތެރެއަކުން މާލޭ ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނަ ނަމަވެސް، އާއްމު ގޮތެއްގައި 5 ރުފިޔާއަށް އޮރެންޖު ލިބެން ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ