ދައުލަތުގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުން މުހިންމު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އެކްސްގައި މާރިޔާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ދަރަނި ދައްކަން ސަރުކާރުން 17 އިންސައްތަ އިންޓްރެސްޓްގައި ލޯނު ނެގުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރުމާއި ޕެންޝަން އޮފީސް މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ޗާޕު ކުރަން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން އެ އޮފީހުގެ ޗެއާމަން މިއަދު އިސްތިއުފާ ދެއްވުމުން ގައުމުގެ އިގުތިސާދީ ހާލަތު އޮތް ފައްތަރު ދެން އޮޅުވައި ނުލެވޭނެ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ ހާލަތު މިހާރު އޮތީ، ސަރުކާރަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް އެކަނި ހައްލު ކުރެވޭ ވަރަށް ވުރެ ގޯސްކޮށް ކަމަށާއި ދަރަނީގެ މައްސަލަ ގައުމީ ކާރިސާއަކަށް ބަދަލުވެފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
"މި ނާޒުކު ދަނޑިވަޅުގައި، އިހުލާސްތެރިކަމާއެކު މި ކާރިސާއާ ކުރިމަތިލައި، ހައްލު ހޯދުމުގައި ގައުމީ އެއްބަސްވުމަކަށް އައުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގޮވައިލައްވާނެ ކަމަށް އުއްމީދު ކުރަމެވެ،" މާރިޔާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
އަދި، އެފަދަ މަޝްވަރާއަކަށް ދާން މުއިއްޒު ބޭނުންފުޅު ނުވާނަމަ، ސިޔާސީ ފިކުރުތަކަށްވުރެ ގައުމީ މަސްލަހަތު އިސްކޮށް ދަރަނީގެ ކާރިސާއިން ސަލާމަތްވުމަށް އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެކުގައި މަސައްކަތް ކުރުން ލާޒިމު ކަމަށް މާރިޔާ ވިދާޅުވި އެވެ.
މި ފަހުން ސަރުކާރު މެންބަރުން، ގާނޫނުއަސާސީއަށް ގެންނެވި ބަދަލުތަކުގެ ސަބަބުން މާލީ ގޮތުން ސަރުކާރު ޒިންމާދާރުކުރުވުމަށް މަޖިލީހަށް އޮންނަ ދައުރު ބަލިކަށިވެ، ގާނޫނުއަސާސީގައި ހިމެނޭ މުހިންމު ރައްކާތެރިކަމުގެ ނިޒާމަށް ބުރޫއަރާފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މި އަހަރު ދިވެހި ދައުލަތުން 12.9 ބިލިއަން ރުފިޔާގެ ދަރަނި ދައްކަންޖެހެ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓު ނުވަތަ 11.8 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަނި އަދާކުރަން ހަރަދުކުރަން ޖެހޭ ފައިސާ އެވެ.
އެންމެ ބޮޑު އަދަދެއް ދައްކަން ޖެހެނީ އެމްޑީޕީ ސަރުކާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނަކަށެވެ. މި 600 މިލިއަން ޑޮލަރު އަންނަ އޭޕްރިލް މަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
ސަރުކާރުން ރާވާފައި ވަނީ ސުކޫކުން ބަޔެއް ރީފައިނޭންސް ކުރާށެވެ. މިއީ މިދިޔަ އަހަރު ވެސް ސަރުކާރުގެ ޕްލޭނެވެ. މިހެން ނަމަވެސް އެ އަހަރު ނިމުނުއިރު ރީފައިނޭންސް ކުރެވުނު ކަމަކަށް ފިނޭންސް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. މި އަހަރު ވެސް ވަގުތު ކުޑަ ތަން ވެފައި ވުމާ އެކީ ހާއްސަ މަސައްކަތްތަކެއް ކޮށްގެން ނޫނީ އޭޕްރިލްގެ ކުރިން ސުކޫކެއް ވިއްކަން ވަރަށް އުނދަގޫ ވާނެ އެވެ.
ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުމަށް މާރިޔާ ގޮވާލައިފި ދަރަނީގެ މައްސަލަ ހައްލު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީއެއް އެކުގައި މަޝްވަރާ ކުރުމަށް މާރިޔާ ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ