އަނބިމީހާއަށް ދޭންޖެހޭ ޙައްޤުތައް ނުދެވެނީ އެހެން އަންތބެއްގެ ނުފޫޒުން ކަމަށް ބުނެގެން ޤިޔާމަތް ދުވަހު ސަލާމަތެއް ނުވެވޭނެ!

އެމީހެއްގެ ކިބައިގައި ކެރިކުޅުދާނަކަން ހުރިވަރަކުން އަނބިން ގިނަކުރުމަކީ މައްސަލައެއް ނޫނެވެ. ކެރިކުޅަދާނަކަން ހުރުމަކީ ޚަރަދުކުރުމުގެ އިތުރުން ބޯހިޔާވަހިކަންވެސް ފޯރުވައިދިނުމެވެ. އަދި ހުރިހާ ބޭނުންތަކެއް ފުއްދައި ނުދެވުނަސް އަސާސީ ބޭނުންތައް ފުއްދައިދިނުމެވެ. ބަލިވެއްޖެނަމަ އެޙީތެރިވުމެވެ. 
ބައެއް މީހުން އަނބިންގެ މެދުގައި ހަމަނުކޮށްފައި ބުނަނީ ދޮށީ އަނބި ނުވަތަ ހަގުއަނބިމީހާގެ ނުފޫޒުން ކަމަށެވެ. މިއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ ބަހަނާއެއް ނޫނެވެ. ސަބަބަކީ އިތުރު އަނބިން ހޯދުން ހުއްދަވަނީ އަނބިންގެ މެދުގައި ހަމަހަމަ ކުރެވޭނެ ނަމައެވެ.  
އެއްވެސް އަންތބަކަށް ދޭންޖެހޭ ޙައްޤުތައް ދޭންޖެހޭނީ ވަކި އަންތބެއްގެ ރުހުން ލިބިގެނެއް ނޫނެވެ. އޭނާ ރުހިއްޖެ ދުވަހަކުން ނޫނެވެ. ކައިވެނިކުރާ ވަޤުތުން ފެށިގެންނެވެ. ކައިވެނިކުރާ ވަޤުތުން ފެށިގެން ތަފާތެއް ނުކުރެވޭނެއެވެ.  
ކައުންސިލިންގ ހޯދަން އަންނަ ބައެއް އަނބިންގެ ކިބައިން އެނގޭ ގޮތުގައި އެމީހުން ފިރިމީހާއަށް ދޫތަކެއް ދެއެވެ. ލުއިތަކެއް ދެއެވެ. އަންތބަކު ރުހިގެން ލުއިދީފިނަމަ އެކަން ބަލައިގަތުމަކީ މައްސަލައެއް ނޫނެވެ. މިބުނަނީ މިޘާލަކަށް ދެއަނބިން ތިބެފައި އެކަކު އޭނާގެ ގާތަށް ނިދަން އައުން މަދުކުރަން ރުހިދާނެއެވެ. ހިތުން ރުހުމުން އެފަދަ ލުޔެއް ދީފިނަމަ ބަލައިގަތުމަކީ މައްސަލައެއް ނޫނެވެ. ނޫންނަމަ އޮތީ ރޭތައް އަނބިންގެ މެދުގައި ހަމަހަމަކުރުމެވެ.  
މިފަދަ ވާހަކަ ދެއްކުމުން ބައެއް މީހުން ހިތްހަމައެއް ނުޖެހޭނެއެވެ. ރުޅިވެސް އަންނާނެއެވެ. ނަމަވެސް މިބާވަތުގެ މައްސަލަތަކުގެ ވާހަކަތައް ދައްކަން މިޖެހެނީ ހަމަ ފިރިހެނުންނަށް ރަނގަޅަކަށެވެ. ފާފަވެރިނުވެ ސަލާމަތްވެ ތިބުމަށް ނަޞޭޙަތްތެރިވުމަށެވެ.
 
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން / މިއަދުނޫސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ