ހުޅުމާލެ ހޮސްޕިޓަލު ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ހުޅުމާޅެ ހޮސްޕިޓަލުގެ ހިދުމަތް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވެ، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި މި މައްސަލަ ބޭރުކޮށްލާފައިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ތާއީދު ނުލިބުމުންނެވެ. އެގޮތުން:
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ 37 މެންބަރަކު މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވި
މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުން؛ އޭގެ ތެރޭގައި އެމްޑީޕީގެ ނުވަ މެންބަރަކާއި އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ހިމެނޭ
ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، މި ވޯޓުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވޭ
ތަފްސީލު - ޝަމްހީދުގެ ކުއްލި މައްސަލައިގައި އޭނާ ފާހަގަކުރެއްވި ގޮތުގައި މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް ތަނަކީ ހުޅުމާލެ ކަމަށްވާއިރު، ހުޅުމާލެ ހޮސްޕިޓަލަށް މަހަކު އެވެރޭޖްކޮށް 15،000އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ދެ އެވެ. އަދި މަހަކު އެވްރޭޖްކޮށް 300އަށް ވުރެ ގިނަ މީހުން އެ ތަނުގައި އެޑްމިޓްކޮށްގެން ވެސް ފަރުވާ ދެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިއަދު އެ ހޮސްޕިޓަލުގައި ހާލަތު ގޯހުން ގޯހަށް ދާން ވަނީ ފަށާފަ އެވެ. 
"[ހުޅުމާލެ] ހޮސްޕިޓަލާ މެދު އާއްމުންގެ މެދުގައި އެތަކެއް ޝަކުވާތައް އޮތުމާއި އަދި އެ ތަނުން ހިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ސަރުކާރުން ގާއިމުކޮށްނުދިނުމާއި އެކަށީގެންވާ މިންވަރަށް ބަޖެޓު ނުދޭތީ އާއި ހިދުމަތްދިނުމަށް ކޮންމެހެން ބޭނުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީހުން ވަޒީފާއަށް ނެގުމަށް ހުރަސްތަކާ ކުރިމަތިވަމުންދާ ކަމަށް މައުލޫމާތު ލިބެމުންދާ" ކަމަށް އޭނާގެ ކުއްލި މައްސަލައިގައި ވިދާޅުވި އެވެ.
މިހާރު އެ ތަނަށް ކުރިމަތިވެފައިވާ މައިގަނޑު ހަ ނުކުތާއެއް ކުއްލި މައްސަލައިގައި އޭނާ ފާހާގަ ކުރެެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
24 ގަޑިއިރު ހިދުމަތްދޭ ތަނެއް ކަމަށް ކަނޑައަޅާއިފައިވީ ނަމަވެސް، އެ ގޮތަށް ހިދުމަތްދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތް
މިހާރު ތިބި މެޑިކަލް އޮފިސަރުންނަކީ ތަނަށް ބޭނުންވާ އަދަދަށް ވުރެ މާ މަދު ބައެއް؛ ގިނަ އިރު މަސައްކަތްކަތްކުރަން ޖެހުމުން ބަލިމީހުން ބެލުމުގައި ފޯކަސް ގެއްލޭ
ކުރިއްސުރެ ދެމުން އައި އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމަށް ބޭނުމެއް ނުވޭ
އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓާލުމާ ގުޅިގެން ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުންދޭ
އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް މިވަގުތު ނެތް؛ ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެންގޮސްފި ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތިގެން ގެންދަން ޖެހެނީ އައިޖީއެމްއެޗަށް
މިވަގުތު ނިއުރޯލޮޖިސްޓެއް ނެތް
އޭގެ އިތުރުން އޭނާ ފާހަގަ ކުރެއްވި ގޮތުގައި އިއްޔެ ވެސް ހޮސްޕިޓަލުގެ ހިދުމަތް އެއް ގަޑިއިރަށް މެދުކެނޑުނެވެ. 
"އެކަން އެހެން ވާން ދިމާވި ސަބަބަކީ  ސާވާއަށް ދިމާވި މައްސަލައަކުންކަން އެ ތަނުގެ މީޑިއާ އޮފިޝަލް ހާމަކޮށްފައިވާ ކަމާއި އެފަދަ މައްސަލަތައް ދިމާވަނީ ތަނުގެ ހިންގުން ފުޅާވާ ވަރަކަށް ސާވާ ފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ތަރައްގީކުރެވެމުން ނުދިއުމުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
"މީގެ 2 ހަފުތާ ކުރިން، ފާއިތުވި ޖޫން މަހުގެ 27 ވަނަ ދުވަހު ވެސް ދެންނެވުނު ހޮސްޕިޓަލަށް ކަރަންޓު މައްސަލައެއް ދިމާވެ، އޯޕީޑީގެ ހިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނު ކަމާއި އެ މައްސަލަ ހައްލުކޮށް އޯޕީޑީ އާންމު ހާލަތަށް ގެނެވުނީ 6 ގަޑިއިރު ފަހުން."
އެ ސަބަބުތައް އެހެން ހުރުމާ އެކު ޝަމްހީދު ގަބޫލުކުރައްވާ ގޮތުގައި، ހުޅުމާލެ ހޮސްޕިޓަލު މިހާރު އޮތީ "ހިދުމަތް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބުގަ" އެވެ.
"ހުޅުމާލެ ފަދަ ބޮޑު އަބާދީއެއް ދިރިއުޅެމުންދާ ތަނެއްގައި މިފަދަ ކަންކަން ހިނގުމަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދަން ނުހަނު ބޮޑަށް ދަތިވެ، އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ ތަނުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެހެންވެ ކުއްލި މައްސަލަ ހުށަހެޅުއްވީ މިކަމާ މެދު ބަހުސްކޮށް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ