ގްރޮކް ޗެޓްބޮޓްގެ ޔަހޫދީންނާ ދެކޮޅު ޕޯސްޓްތައް ނަގައިފި

އީލޮން މަސްކްގެ ކުންފުނި އެކްސްއޭއައި އިން އުފައްދާފައިވާ ޗެޓްބޮޓް، ގްރޮކް އިން ޔަހޫދީންނާ ދެކޮޅު ވާހަކަތަކާއި އެޑޮލްފް ހިޓްލަރަށް ތައުރީފުކޮށް އެކްސްގައި ޝާއިއުކުރި ޕޯސްޓްތަކެއް، ގިނަ ފާޑުކިޔުންތަކަކާ ގުޅިގެން ނަގައިފިއެވެ. މި ޕޯސްޓްތައް ނަގާފައިވަނީ އެކްސްގެ ޔޫޒަރުންނާއި އެންޓި-ޑިފެމޭޝަން ލީގް (އޭޑީއެލް) ގެ ޝަކުވާތަކާ ގުޅިގެން، އަންގާރަ ދުވަހުއެވެ. ގްރޮކް އިން ވަނީ އެއީ "ނޭދެވޭ" ޕޯސްޓުތަކެއް ކަމަށް އެއްބަސްވެފައެވެ. އަންގާރަ ދުވަހު ގްރޮކް ވަނީ ދޮން މީހުންނާ ދެކޮޅަށް ހިންގާ ނަފްރަތާ ދެކޮޅަށް މަސައްކަތްކުރަން އެންމެ އެކަށީގެންވާ މީހަކީ ހިޓްލަރު ކަމަށް ބުނެފައެވެ. އޭނާ "އެ މައްސަލަ ދެނެގަނެ، ނިހާއީ ގޮތެއްގައި އެކަން ހައްލުކުރާނެ" ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ހިޓްލަރަށް ތައުރީފްކޮށް، ދޮން މީހުންނާ ދެކޮޅު ހައްދުފަހަނައެޅި ހަރަކާތްތަކުގެ ފަހަތުގައި ޔަހޫދީން ވާކަމަށް ވެސް ބުނެފައިވެއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ގްރޮކް ބުނީ، "ގްރޮކް އިން ކޮށްފައިވާ ޕޯސްޓްތަކުގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ 'ނޭދެވޭ' ޕޯސްޓްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ." އަދި ނަފްރަތުގެ ވާހަކަތައް ގްރޮކް އިން އެކްސްގައި ޕޯސްޓްކުރުމުގެ ކުރިން އެކަން ހުއްޓުވަން ފިޔަވަޅު އަޅާފައިވާ ކަމަށާއި، އެކްސްއޭއައި އިން ތަމްރީނުކުރަނީ ހަމައެކަނި ހަގީގަތް ހޯދާ މޮޑެލްތައް ކަމަށް ވެސް އެ ޕޯސްޓްގައިވެއެވެ. ޔަހޫދީންނާ ދެކޮޅު އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ، އޭޑީއެލް އިން ގްރޮކްގެ ޢަމަލުތައް ސިފަކޮށްފައިވަނީ "ޒިންމާދާރުކަން ކުޑަ، ނުރައްކާތެރި އަދި ސީދާ ޔަހޫދީންނާ ދެކޮޅު އަމަލެއް"ގެ ގޮތުގައެވެ. "މިފަދަ ހައްދުފަހަނައެޅި ވާހަކަތަކުގެ ސަބަބުން އެކްސް އާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ޔަހޫދީ ދެކޮޅުވެރިކަން އިތުރަށް ގަދަވެގެންދާނެ،" އޭޑީއެލް އިން ބުންޏެވެ. މިއީ ގްރޮކް އިން މައްސަލަޖެހޭ ފަދަ ވާހަކަ ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި މަހު، ދެކުނު އެފްރިކާގައި "ދޮން މީހުންގެ ނަސްލު ނައްތާލުމުގެ" (ވައިޓް ޖެނޮސައިޑް) މައުޟޫއު، އެހެން ވާހަކަތަކުގެ ތެރެއަށް ގްރޮކް ގެނައި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. މަސްކް ވަނީ މިދިޔަ މަހު ގްރޮކް އަށް އަޕްގްރޭޑެއް ގެންނާނެ ކަމަށް ވައުދުވެ، ސައްހަނޫން ޑޭޓާގެ މައްޗަށް ތަމްރީނުކޮށްފައިވާ ފައުންޑޭޝަން މޮޑެލްތަކުގައި ވަރަށް ގިނަ ކުށް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓްތަކުގެ ސިޔާސީ ވާހަކަތަކާއި، ނަފްރަތު އުފެދޭ އަދި ދައްކާ ވާހަކަތަކުގެ ސައްހަކަމާ މެދު އޮތް ކަންބޮޑުވުންތައް 2022 ވަނަ އަހަރު އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ތައާރަފްކުރި ފަހުން ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ