ކުރާ ކަންކަން ބަދަލު ކުރާތީ ފައްޔާޒްގެ ފާޑުކިޔުން ސަރުކާރަށް!
އިއާދަނުކުރެވޭ ހިސާބަށް ގައުމުގެ ކަންކަން ދިޔުމުގެ ކުރިން ރައްޔިތުންނަށްޓަކައި ވެރިކަމުން ދުރަށް ޖެހިލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.ފައްޔާޒް އެހެން ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ އެއްބަސްވުންތަކަށް އިސްލާހު ނުގެނެސް، ހަމައެކަނި އެ މީހަކަށް ލިބޭ އާ ގޯތީގެ މައުލޫމާތު ބަދަލު ކުރުމަށްފަހު ސޮއިކުރަން ހައުސިން މިނިސްޓްރީން ނިންމި ނިންމުމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ."މިހާ ހިސާބަށް ކަންކަން ދިޔައީމާ އަމިއްލަ ނަފުސާ އެބަޖެހޭ ސުވާލުކޮށްލަން، ތިމަންނާއަށް ހަމަ މިކަން ވާނެބާއޭ، ގައުމާއި ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ލޯތްބެއް އޮތްނަމަ ހިތާހިތުން މި ސުވާލުކޮށްލާ، އިއާދަނުކުރެވޭ ހިސާބަށް ކަންކަން ދިޔުމުގެ ކުރިން ގައުމާއި ރައްޔިތުންނަށްޓަކައި ދުރަށް ޖެހިލުން އެއީ އެންމެ ފައިދާ ހުރި ގޮތް،" ފައްޔާޒް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.ގާނޫނާ ފުށުއަރާ ކަމަށް ބުނެ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ.ބިމާބެހޭ ގާނޫނުގެ 10ވަނަ މާއްދާގެ (ހ)ގައި ވަނީ، ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ އަމިއްލަ ގޯއްޗެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ ބައިކޮށްފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައިނުވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ.އޭގެ އިތުރަށް އެ މާއްދާގެ (ނ)ގައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފެށުމުން އެއްވެސް މީހަކަށް އެއްރަށުން އަނެއް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވެނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް އެ މާއްދާގައިވެއެވެ.ބިންވެރިޔާ ސްކީމަށް މީގެ ކުރިން ހެދި އެއްބަސްވުމުގައި އޮންނަނީ 'މާލެ ސަރަހައްދުން' އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ގޯއްޗެއް އޮތް ނަމަ ގޯތި ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ނަމަވެސް އައު އުސޫލުގެ ދަށުން އެއްބަސްވުމުގައި ވަނީ، 'މާލެ ސަރަހައްދު' އޮތް ތަން 'ރާއްޖޭގެ އެއްވެސް ސަރަހައްދު' ކަމަށް ބަދަލުކޮށްފައެވެ.އެމްޑީޕީ ސަރުކާރުން ހެދި އެއްބަސްވުމުގައި އޮންނަނީ މާލެ ސަރަހައްދުން އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވެހިކަމެއް ރަޖިސްޓްރީވެފައި ނެތުމުގެ އިތުރުން މާލެ ސަރަހައްދުން ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާނަމަ އެތަނެއް އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ