ގައުމީ ވޮލީބޯޅަ ލީގު ފަހު މެޗުގައި، މިރޭ މިދިޔަ އަހަރުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ އަތުން ބަލިވި ކަމުގައި ވިޔަސް، މެޗަށް އައިއިރު، އެއް ވަނަ ޔަގީންވެފައި އޮތް ދިވެހި ސިފައިންގެ ކްލަބުން ތަށި އުފުލާލައިފި އެވެ.
މިއީ، 2019 ވަނަ އަހަރުގެ ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، 2023 ވަނަ އަހަރު ތަށި އުފުލާލި ސިފައިން އަހަރެއްގެ މެދުކެނޑުމަކަށް ފަހު ލީގު ހޯދި ފަހަރެކެވެ.
ޒުވާނުންގެ މަރުކަޒުގައި މިއަދު މެންދުރު، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ހުރާ ކޮމިއުނިޓީ ކްލަބް ބަލިވުމާ އެކު، ލީގު ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބަށް އޮތީ ޔަގީންވެފަ އެވެ. ދަޑިމަގާ ދެކޮޅަށް ހުރާ އިން ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-1 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ، 25-17، 25-20، 30-32 އަދި 26-24 އިންނެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ހުރާގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައި ދަޑިމަގުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަލީ ހުޒާމް (ހުޒަންޓޭ) އާއި ހަސަން ނިލާމް (ޕާޓޭ) ވަނީ ގިނަ ޕޮއިންޓްތަކެއް އެ ޓީމަށް ސްކޯކޮށްދީފަ އެވެ. މި ދެ ސެޓު ދިޔައީ، 25-17 އަދި 25-20 އިންނެވެ.
ހުުރާ އާއި ދަޑިމަގު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
އެކަމަކު ޖެހިގެން އައި ތިން ވަނަ ސެޓުގައި ހުރާ ފެނިގެންދިޔައީ ތަފާތު ރޫހެއްގަ އެވެ. މި ސެޓުގައި ހުރާ ޓީމުގެ އިޝާން އިބްރާހީމް (ބަޓިސް)ގެ މޮޅު ކުޅުން ފެނިގެންދިޔައިރު، މި ސެޓުގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއްގައި ކުޅެވޭ ގޮތް ނުވި އެވެ. މި ސެޓު ނިންމަން ދެ ޓީމަށްވެސް ފުރުސަތު ލިބުނެވެ. އެކަމަކު ފަހު ވަގުތުގައި ދަޑިމަގުގެ ކުޅުންތެރިންނަށް ހެދުނު ގޯހުގެ ފައިދާ ނަގައި މި ސެޓު ހުރާއިން 30-32 އިން ކާމިޔާބު ކުރީ އެވެ.
ހަތަރު ވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ ތިންވަނަ ސެޓުގައި ފެނިގެންދިޔަކަހަލަ ކުޅުމެކެވެ. އެކަމަކު މި ސެޓުގެ ކުރީކޮޅު ދަޑިމަގުން ހަތަރު ޕޮއިންޓްގެ ލީޑެއްނެގި އެވެ. އެކަމަކު ސެޓުގެ މެދު ތެރެއިން ހުރާ އިން ކުޅުން ރަނގަޅުކޮށް ރަނގަޅު ވާދައެއް ކުރި އެވެ. މި ސެޓު ދަޑިމަގުން ގެންދިޔައީ 26-24 އިންނެވެ.
މި މެޗުގެ ނަތިޖާއާ އެކު ސިފައިން އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވިއިރު، މިރޭ ސިފައިން ކްލަބް އެޗްޑީސީ އަތުން ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުވެފައިވުމާއެކު ސިފައިން މި މެޗަށް ނުކުތީ ގިނަ ބަދަލުތަކަކާއެކުގަ އެވެ. އެ ގޮތުން އެ ޓީމުގެ ފުރަތަމަ ހަޔަކުން ތިން ބަދަލެއް ފެނިގެންދިޔަ އެވެ.
މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ، 25-22، 25-22 އަދި 26-25 އިންނެވެ.
މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރުންނަކީ ދަޑިމަގުގެ ހުޒަންޓޭ އަދި ސިފައިންގެ އާދަމް ނަސީމް (އެޑަމް) އެވެ. އެންމެ މޮޅު މިޑިލް ބްލޮކަރުންނަށް، ސިފައިންގެ އާދަމް ފައިރޫޒް އާއި އެޗްޑީސީގެ މުހައްމަދު އަހުސަން (ސޮއްޓި) ހޮވުނުއިރު، އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރަކީ އެޗްޑީސީގެ ޝަމާއިލް ހުސެއިން އެވެ. އެންމެ މޮޅު ސެޓަރަކަށް ސިފައިންގެ ހުސެއިން ޝާހިދު ހޮވުނުއިރު، އެންމެ މޮޅު ލިބަރޯ އަކީ ދަޑިމަގުގެ އަހުމަދު ނަބީލް (ނައްބަ) އެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ ސިފައިންގެ ލުއިސް ފިލީޕޭ އެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ކުޅުންތެރިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ގައުމީ ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކޯޗު ޖުނައިދު އަބްދުالله (މާމަ) އެވެ. އަދި އެންމެ މޮޅު ކުޅުންތެރިޔަކީ ސިފައިންގެ ހުސެއިން ރަޒާން އެވެ.
ލީގުގެ ގަދަ ހަތަރު ޓީމު ކަމަށްވާ، ސިފައިން، އެޗްޑީސީ، ހުރާ އަދި ދަޑިމަގު ދެން ނުކުންނާނީ ގައުމީ މުބާރާތަށެވެ. ގައުމީ މުބާރާތް އެންމެ ފަހުން، އެޗްޑީސީ ބަލިކޮށް ހޯދީ ސިފައިންނެވެ. މި ފަހަރު ސިފައިން އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ކާމިޔާބުކޮށްފައިވާއިރު، ބާކީ އޮތް ތިން ޓީމުން ނުކުންނާނީ ވޮލީ ސީޒަން ހުސްއަތާ ނުނިންމާލުމުގެ އަޒުމުގަ އެވެ.
ފަހު މެޗުގައި އެޗްޑީސީ އަތުން ބަލިވިޔަސް ގައުމީ ވޮލީބޯޅަ ލީގުގެ ތަށި އުފުލާލީ ސިފައިން ފަހު މެޗުގައި އެޗްޑީސީ އަތުން ބަލިވިޔަސް ގައުމީ ވޮލީބޯޅަ ލީގުގެ ތަށި އުފުލާލީ ސިފައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ