މިރުސް އަގު ހެޔޮވެއްޖެ، އާފަލާއި އޮރެންޖު "ކެވޭ ވަރެއް ނޫން"
ބާޒާރުގައި ދިވެހި މިރުހުގެ އަގު ހެޔޮވެ، އާފަލާއި އޮރެންޖުގެ އަގު 'ކެެވޭ ވަރަށްވުރެ' މައްޗަށް އުފުލިއްޖެއެވެ. މިހާރު ބާޒާރުގައި މޭވާއާއި ތަރުކާރީގެ ގިނަ ބާވާތްތަކުގެ އަގުތައް ހުރީ އުފުލިފައެވެ. ކުރިން ފަސް ރުފިޔާއަށް ލިބުނު ފެހި އާފަލެއް 12 ރުފިޔާއަށް ލިބެން ހުރިއިރު، ރަތް އާފަލެއް ވިއްކަނީ 10 ރުފިޔާއަށެވެ. އާފަލުގެ އަގު މައްޗަށް ދާން ފެށިތާ މިހާރު ދުވަސްކޮޅެއް ވަނީ ވެފައެވެ. ކުރިން ތިން ރުފިޔާއަށް ނުވަތަ ހަތަރު ރުފިޔާއަށް ލިބޭ, އޮރެންޖެއް މިހާރު 12 ރުފިޔާއަށް ވިއްކާއިރު، ކުރިން 45 ރުފިޔާއަށް ލިބުނު ކަމްބާ ކިލޯއެއްގެ އަގު މިހާރު ހުރީ 70 ރުފިޔާއަށް އުފުލިފައެވެ. ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ލުނބޯތަކެއް: ލުނބޯ ކިލޯއެއްގެ އަގުވެސް މިހާރު ވަނީ 40 ރުފިޔާއަށް އުފުލިފައި ---- ސަން ފޮޓޯ އޭގެއިތުރަށް، މޮޅު ފަޅޮލުގެ އަގު މިހާރު ހުރީ 55 ރުފިޔާއަށް އުފުލިފައެވެ. ކުރިން މޮޅު ފަޅޮލެއް 45 ރުފިޔާއަށް ލިބެން ހުންނައިރު، ބާޒާރަށް ފަޅޯ ގެންނަނީ އަތޮޅުތެރޭގެ އެކި ރަށްރަށުންނެވެ. އާންމުކޮށް ގެތަކުގައި އެންމެ ގިނައިން ބޭނުންކުރާ ލުނބޯގެ އަގު ވެސް ވަނީ އުފުލިފައެވެ. މިހާރު ލުނބޯ ކިލޯއެއް ބާޒާރުގައި ވިއްކަނީ 40 ރުފިޔާއަށެވެ. ކުރިން 30 ރުފިޔާއަށް ވެސް ލުނބޯ ކިލޯއެއް ލިބެއެވެ. މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ފާގަތަކެއް: ފާގަ ކިލޯއެއް ލިބެނީ 70 ރުފިޔާގައި --- ސަން ފޮޓޯ ހަމައެހެންމެ، ފާގަ ކިލޯއެއްގެ މިވަގުތު ލިބެނީ 70 ރުފިޔާގައެވެ. ގިނަ ބާވަތްތަކުގެ އަގުތައް ބޮޑުވިއިރު، މިރުހުގެ އަގު މިހާރު ހުރީ ދަށްވެފައެވެ. އެގޮތުން، މިހާރު ދިވެހި މިރުސް ކިލޯއެއް ލިބެނީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. ފާހަގަކުރެވޭ ގޮތުގައި، ތަކެތީގެ އަގުތައް އުފެލެން ފެށީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެނެވެ. މިގޮތުން، އެދުވަސްވަރު ތަކެތީގެ އަގުތައް އުފުލުނީ މޫސުން ގޯސްވުމުގެ ސަބަބުން ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ކަމަށް އޭރު ވިޔަފާރިންވެރިން ބުންޏެވެ. ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް އުފުލެމުންދާއިރު މުދާ ގަންނަން ފައިސާ ދައްކާ ޑޮލަރުގެ އަގު ބޮޑުވުމަކީ ވެސް ތަކެތީގެ އަގު ބޮޑުވާ މައިގަނޑު އެއް ސަބަބެވެ. ވިޔަފާރިވެރިން ބޭރުން ގަންނަ މުދަލަށް ފައިސާ ދައްކަން ބްލެކް މާކެޓުން މުޅިންހެން ޑޮލަރު ގަންނަން ޖެހޭއިރު މިހާރު ރާއްޖޭގެ ބްލެކް މާކެޓުގައި އެއް ޑޮލަރު ލިބެން ހުރީ 20 ރުފިޔާއަށް ވުރެން މަތިންނެވެ. މިއީ މިފަހުން ޑޮލަރުގެ ރޭޓް އެންމެ މައްޗަށް އަރައިގެން ދިޔަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ