އިސްރާއީލުގެ ދިފާއުގައި އެމެރިކާއިން އައިސީސީގެ މެންބަރުންނަށް އިތުރު ފިޔަވަޅުތަކެއް

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ)ގެ މެންބަރުންނަށް އަމާޒުކޮށްގެން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފައިވާ ކަމަށް އެމެރިކާއިން އިއުލާނުކޮށްފިއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އައިސީސީގެ މެންބަރުންގެ ލިސްޓަށް ދެ ފަނޑިޔާރަކާއި ދެ ޕްރޮސެކިއުޓާ ޖެނެރަލް އިތުރުކޮށްފައިވާ ކަމަށެވެ. "މި ކޯޓަކީ އެމެރިކާއާއި އަޅުގަނޑުމެންގެ ގާތް އެކުވެރި އިސްރާއީލާ ދެކޮޅަށް ގާނޫނީ ގޮތުން އަމަލުކުރުމުންދާ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލެއް،" ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒު އަމާޒުކޮށްފައިވަނީ ކެނެޑާގެ ކިމްބަލީ ޕްރޮސްޓާއި ފްރާންސްގެ ނިކޮލަސް ގިލޯއާއި ފިޖީގެ ނަޒްހަތު ޝަމީމް ޚާން އަދި ސެނެގާލްގެ މާމޭ މަންޑިއޭ ނިއަންގަށެވެ. ގިލޯއަކީ ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުނު ޝަރީއަތުގެ ކުރިން ޕެނަލެއް ބެލެހެއްޓި އައިސީސީގެ ފަނޑިޔާރެކެވެ. ނަޒްހަތާއި ނިއަންގަކީ އެ ކޯޓުގެ ދެ ޑެޕިއުޓީ ޕްރޮސެކިއުޓަރުންނެވެ. އެމެރިކާގެ ޚާރިޖީ ޑިޕާޓްމަންޓުން ބުނާ ގޮތުގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުމާއި ދަމަހައްޓުމުގައި މި ތިން މީހުންގެ ދައުރު ވެސް ވެއެވެ. ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ކުރީގެ ދިފާއީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް މީގެ ކުރިން އައިސީސީން ވަނީ އަމުރެއް ނެރެފައެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން ހިންގާފާނެ ހަނގުރާމަވެރި ޖަރީމާތައް ވެސް އައިސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ކުރި އިއުލާނުގައިވާ ގޮތުން ކެނެޑާގެ ފަނޑިޔާރު ޕްރޮސްޓަށް ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ މުވައްޒަފުންނާ ބެހޭ ގޮތުން އައިސީސީން ތަހުގީގުކުރުމުގެ ހުއްދަ ދިނުމަށް ހުކުމް ކުރުމުންނެވެ. ދަތިކުރުމުގެ ފިޔަވަޅާ ގުޅިގެން އައިސީސީން ބުނީ، އެއީ ޝަރުއީ މިނިވަން މުއައްސަސާއަކަށާއި ދުނިޔޭގައި ހަނގުރާމައިގެ ޖަރީމާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންނާ ދެކޮޅަށް ފާޅުކަން ބޮޑު ގޮތެއްގައި ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް، އެއްވެސް ހުރަކަށް ޕްރެޝަރެއް ނުވަތަ އިންޒާރަކަށް ބެލުމެއް ނެތި ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އައިސީސީން ބުންޏެވެ. އެމެރިކާގެ އެ ނިންމުމަށް ނަތަންޔާހޫ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި، މިއީ އިސްރާއީލުގެ ދައުލަތާ ދެކޮޅަށް ދޮގު ވާހަކަދައްކާ ކެމްޕޭނާ ދެކޮޅަށް ނިންމި މުހިންމު ނިންމުމެއް ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވިއެވެ. އެމެރިކާއާއި އިސްރާއީލަކީ ވެސް އައިސީސީގެ މެންބަރުންނެއް ނޫނެވެ. ނަމަވެސް، މެންބަރު ނޫން ގައުމުތަކުގެ ރައްޔިތުން ހައްޔަރުކުރުމުގެ އަމުރު ނެރެވޭނެ ކަމަށް ކޯޓުން ބުނަނީ ތުހުމަތުކުރެވޭ ޖަރީމާތައް ހިނގި ތަންތަނަކީ އެ ކޯޓުގެ މެންބަރު ގައުމުތަކަށް ވާތީއެވެ. ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ ކޮންމެ ވެސް ދުވަހަކުން އެ ގައުމުގެ އޮފިޝަލުންގެ މައްޗަށް ދައުވާ އުފުލޭނެކަން އެނގޭތީ، އެމެރިކާގެ ފާޑިކިޔުން ވަނީ އައިސީސީއަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. މި އަހަރުގެ ކުރީކޮޅު ޓްރަމްޕްގެ ވެރިކަމުގައި އައިސީސީގެ ބައެއް އޮފިޝަލުންނަށް އަމާޒުކޮށްގެން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ބުރުގައި އެމެރިކާއިން ގާތް އެކުވެރިޔާ ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށް ފާޑުކިޔާފައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އައިސީސީގެ އޮފިޝަލުން ވަނީ އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ޣައިރު ގާނޫނީ އަދި އަސާސެއް ނެތް ފިޔަވަޅުތައް އެޅުމުގައި ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ