ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ވަކިކޮށް، އެ ސަރަހައްދު ދެ ބަޔަކަށް ބަހާލައި އެ ސަރަހައްދު ވަކިކުރުމުގެ މަޝްރޫއުއަށް އިޒްރޭލު ސަރުކާރުން ރުހުންދީފި އެވެ.
ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެނީ އެކަމުގެ ސަބަބުން ފަލަސްތީނުގެ ދައުލަތެއް ގެނައުމުގެ ފުރުސަތު ނިމުމަކަށް އަންނާނެ ކަމަށެވެ.
އިއްޔެ ޑިފެންސް މިނިސްޓްރީގެ ކޮމެޓީއަކުން ވަނީ އީ1 ސަރަހައްދުގައި 3،400 ގެ އެޅުމަށް ފާސްކޮށްފަ އެވެ. ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލޭލް ސްމޮޓްރިޗު ވިދާޅުވީ އެ ޕްލޭނާ އެކު ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމުގެ ކޮންސެޕްޓް ނިމުކަށް އަންނާނެ ކަމަށެވެ.
ފަލަސްތީނު އޮތޯރިޓީން ވަނީ އެ އަމަލަކީ ގާނޫނާ ހިލާފު އަމަލެއް ކަމެެއް ކަމަށް ބުނެފަ އެވެ. އެއާ އެކު ދެ ދައުލަތުގެ ހައްލެއް ގެނައުމުގެ ފުރުސަތު "ހަލާކު" ވާނެ ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
އިޒްރޭލުން މިފަދަ ފިޔަވަޅަކަށް ރުހުންދީފައި މިވަނީ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ބައިނަލްއަގުވާމީ ގިނަ ގައުމުތަކަކުން އެއްބަސްވެ، އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މީގެ 58 އަހަރު ކުރިން، 1967 ވަނަ އަހަރު މެދުއިރުމަތީގައި ހިނގި ހަނގުރާމާގައި، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އިޒްރޭލުން ހިފުމަށް ފަހު އެ ގައުމުން ވަނީ 700،000 ޔަހޫދީން ދިރިއުޅުމަށް، ގާތްގަނޑަކަށް 160 އާބާދީއެއް ގާއިމުކޮށްފަ އެވެ. ގާޒާ ވެސް ހިމެނޭ ގޮތަށް ފަލަސްތީނުން އެދޭ ބިމަކީ އެ މީހުން ގާއިމުކުރާނެ ކަމަށް އުއްމީދުކުރާ މުސްތަގުބަލުގެ ދައުލަތަކަށް އެދޭ ބިމެކެވެ. ފަލަސްތީނުގެ ގާތްގަނޑަކަށް 3.3 މިލިއަން މީހުން ދިރިއުޅެނީ އެ އާބާދީއާ ވަރަށް ކައިރީގަ އެވެ.
ބައިނަލްއަގްވާމީ ގާނޫނުތަކުގައިވާ ގޮތުން، އެ އާބާދީތަކަކީ ހުއްދަ ނޫން ގޮތަށް ވަޒަންވެރިކޮށްފައިވާ އާބާދީތަކެކެވެ. އެއީ މިދިޔަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންގައި ވެސް ތާއީދުކޮށްފައިވާ ނިންމުމެކެވެ.
އިޒްރޭލުގެ ސަރުކާރުތަކުން ވަނީ އާބާދީތައް ފުޅާކުރުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ފަހުކޮޅު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ހިޖުރަވެރިންނަށް ތާއީދުކުރާ ކަނާތު ފިޔައިގެ ސަރުކާރުން ދަނީ އެ މަޝްރޫއު އިތުރަށް ފުޅާކުރަމުންނެވެ.
އިޒްރޭލުގެ ސިވިލް އެޑްމިނިސްޓްރޭޝަންގެ އެންމެ މަތީ ޕްލޭނިން ކައުންސިލުން ވަނީ އީ1ގައި 3،401 ހައުސިން ޔުނިޓް އެޅުމަށް ފާސްކޮށްފަ އެވެ. އެއީ އިރުމަތީ ގުދުސް އާއި އަދުމީމްގެ އާބާދީއާ ދެމެދު ގާތްގަނޑަކަށް 12 އަކަކިލޯމީޓަރު (4.6 އަކަމޭލު)ގެ ސަރަހައްދެކެވެ.
ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ވަކިކުރަން އިޒްރޭލުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ