ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ށ. ކަނޑިތީމުގެ ކުނިކޮށްޓާއި ގަބުރުސްތާނު އަދި އިޖުތިމާއީ ސަރަހައްދުތައް ސާފު ކުރަން މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ހުއްޓުފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ ހުކުރު ދުވަހު ގެނައި ބަދަލުތަކާ ގުޅިގެން ކަނޑިތީމު ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހިފައިވާކަން އެ ރަށު ރައްޔިތުންނަށް އެންގުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްގެ ވަރަށް ބައިވަރު މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން އެ ކައުންސިލް އިދާރާއަށް ކައުންސިލް އޮފިސަރެއް ނެގުމުގެ މަސައްކަތާއި އެ ރަށު ގަބުރުސްތާނާއި ކުނިކޮށްޓާއި ޕާކުތަކުގެ އިތުރުން ޕިކްނިކް ސަރަހައްދާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް މުވައްޒަފުން ނެގުމުގެ މަސައްކަތް މަޑު ޖައްސާލަން ޖެހިފައިވާ ކަމަށް އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުންޏެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގައި ވާގޮތުން ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. އަދި ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން މަނާ ވެސް އެ އިސްލާހުން ވަނީ މަނާކޮށްފަ އެވެ.
ކަނޑިތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނީ އެކި ބޭނުންތަކަށް އެ ކައުންސިލުން ދޫކުރަން ނިންމާފައިވާ ބިންތައް ދޫކުރުމުގެ މަސައްކަތް ވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން ހުއްޓިފައިވާ ކަމަށެވެ.
އެގޮތުން މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތަކަށް އެ ރަށުން ދޫކުރަން ނިންމާފައިވާ ތިން ބިމާއި ގެސްޓްހައުސް ތަރައްގީ ކުރުމަށް ދޫކުރަން ނިންމާފައިވާ ހަތަރު ބިން ދޫކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އޭގެއިތުރުން އެ ރަށު ރައްޔިތުންނަށް 90 ގޯތި ދޫކުރުމަށް ކުރަމުންދާ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އިއުލާނު ނިންމައިލަމުން ބުނެފައި ވަނީ ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ހުއްދަ ލިބުމުން އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ކަނޑިތީމު ކައުންސިލުގެ އިތުރުން ތ. ވަންދޫގެ މިސްކިތަކަށް މުވައްޒަފުން ނެގުމާއި އެ ރަށު ޕްރީ ސްކޫލަށް ޓީޗަރެއް ނެގުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން އިއްޔެ ވަނީ ބުނެފަ އެވެ.
މަރުކަޒީ ގާނޫނު ބަދަލުކޮށް ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އެމްޑީޕީން ބަޔާން ނެރި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
މިއީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހެވެ.
އާ އިސްލާހުތަކާ ހެދި ކަނޑިތީމު ހުއްޓިއްޖެ، ގަބުރުސްތާނު ސާފުކޮށްލާނެ މުވައްޒަފެއް ވެސް ނުނެގިފައި އާ އިސްލާހުތަކާ ހެދި ކަނޑިތީމު ހުއްޓިއްޖެ، ގަބުރުސްތާނު ސާފުކޮށްލާނެ މުވައްޒަފެއް ވެސް ނުނެގިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ