ބޭހުގެ މައްސަލަ ޖެހިގެން އިއުލާން ކުރާއިރު, ކޮލެޓީ ކަށަވަރު ކުރާ މެޝިން ބޭނުން ނުކުރެވޭ!
ބޭހުގެ ފެންވަރު ކަށަވަރުކުރުމަށް ޓެސްޓު ހަދަން ބޭނުންވާ މެޝިން ރާއްޖެއަށް ގެނައިތާ ގިނަ ދުވަސް ވެފައިވާއިރު، އެ މެޝިނަށް ބޭނުންވާ ކެމިކަލް ނުލިބުމުގެ ސަބަބުން އަދިވެސް ބޭނުންނުކުރެވި ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފިއެވެ. ރާއްޖެއަށް އެތެރެކުރާ ބޭހުގެ ކޮލެޓީއާ މެދު ވަރަށް ގިނަ ބަޔަކު ސުވާލުއުފައްދައެވެ. އެއީ، ދޭތެރެއަކުން ކޮންމެވެސް ބޭހަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ބޭސް އެތެރެކޮށް، ވިއްކައި، ބޭނުންކުރުން ހުއްޓާލަންޖެހޭ ފަހަރު އަންނާތީއެވެ. އިއްޔެ ވެސް، ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ "ކޮފްސީ ސިރަޕް"ގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެ، އެ ބޭސް ރާއްޖެއަށް އެތެރެކޮށް، ވިއްކައި އަދި ބޭނުންކުރުން އެމްއެފްޑީއޭއީން މަނާކޮށްފައިވެއެވެ. ރާއްޖޭގައި ގިނަ ބަޔަކު ބޭނުންކުރާ، ކުޑަކުދިންނަށް ވެސް ދޭ އެފަދަ ބޭސްތަކުގައި މައްސަލައެއް އުޅޭކަން އެނގެނީ، އެ ބޭސް ބޭނުންކުރާތާ ދުވަސްތަކެއްވާ ފަހުން ކަމަށްވުމަކީ ނުރައްކާތެރިކަމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ބޭހުގެ ކޮލެޓީ ކަށަވަރުކޮށް، މާކެޓަށް ނެރޭ ބޭސްތަކަކީ ރަނގަޅު ބޭސްތޯ ޔަގީން ކުރުމަށް އެމްއެފްޑީއޭއިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ޑިރެކްޓާ ފާމަސޫޓިކަލް، އައިޝަތު ޖަލީލާ ވިދާޅުވީ ބޭހުގެ ކޮލިޓީ ބަލަން ހަދަނީ ޕަފޯމަންސް ލިކުއިޑް ކްރެމެޓޯގްރަފީ (އެޗްޕީއެލްސީ) ކިޔާ ޓެސްޓެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓެސްޓަށް ބޭނުންވާ މެޝިން މިހާރު ރާއްޖޭގައި އެބަހުރި ކަމަށާއި ނަމަވެސް އެ ގެނެސް ގިނަދުވަސްވިއިރު ވެސް، ބޭނުން ކުރެވޭ ގޮތް ނުވަނީ އެއަށް ބޭނުންވާ ކެމިކަލް ހޯދިފައި ނުވުމުގެ ސަބަބުން ކަމަށެވެ. މެޝިން އިންސްޓޯލޭޝަންއާ ހުރިހާ ކަމެއް މިހާރު ނިމިއްޖެ. ރާއްޖޭގަ ވަރަށް ޗެލެންޖިން އެ އެއްޗިސް ހޯދަން. ފުލް އިމްޕޯޓަށް ޑިޕެންޑުވާ ގައުމެއްވީމަ. ވަރަށް މަސައްކަތްކޮށްގެން ވެސް ކެމިކަލް ޕްރޮކިއޯކޮށްދޭނެ ފަރާތެއް ނުލިބިގެން އުޅެނީ، ޑިރެކްޓާ ފާމަސޫޓިކަލް، އައިޝަތު ޖަލީލާ އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއެލްސީގައި ހުންނަނީ ވަކި ގްރޭޑެއްގެ ކެމިކަލް ކަމަށާއި، ވަކި ގްރޭޑެއްގެ ކެމިކަލް ނޫންނަމަ އެ މެޝިނަށް ބޭނުމެއް ނުކުރެވޭ ކަމަށެވެ. އަނެއްކޮޅުން ފާމަސޫޓިކަލް ޓެސްޓްތަކަކީ ވަރަށް އަގު ބޮޑު ޓެސްޓްތަކެއް ކަމަށާއި، ކޮންމެ ބޭހެއްގައި ވެސް ވަކި ސްޓޭންޑަޑެއް ހިފަހައްޓަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭނުންކުރާ ކެމިކަލްތަކަށްވުރެ ބޭހުގެ ސްޓެންޑަޑް ހިފެހެއްޓުން އަދި މާ އަގު ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް --- ފޮޓޯ/ ރައީސް އޮފީސް "ބޭހުގެ ކޮލެޓީ މައްސަލަ ޖެހެނީ އުފެއްދުމުގެ މަރުހަލާއިން އެކަންޏެއް ނޫން" ރާއްޖޭގެ މާކެޓަށް ބޭސް ނެރުމުގެ ކުރިން ދެ މަރުހަލާއެއް އެކަމުގައި ކުރިއަށް ގެންދެއެވެ. އެއީ 'ޕްރީ ރެޖިސްޓްރޭޝަން' އަދި 'ޕޯސްޓް މާކެޓް ސަވައިލެންސް' އެވެ. މާކެޓަށް ބޭސް ނެރުމުގެ ކުރިން 'ދިރިތި ޕޯޓަލް' މެދުވެރިކޮށް އަބަދުވެސް ބޭސް ރަޖިސްޓްރީކުރަން ޖެހެއެވެ. އެއަށްފަހު ދެވަނަ މަރުހަލާގައި އެމްއެފްޑީއޭއިން އެ ބޭސް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ޑޮކިއުމަންޓްތައް ބަލައި، އެ އުފެއްދި ކޮލެޓީ މިންގަނޑާއި، ކޮންތަނެއްގައި އުފެއްދި ބޭހެއްތޯއާއި އެފަދަ އެތައް ކަމެއް ކަށަވަރުކުރެއެވެ. ވަކިން ޚާއްސަކޮށް ރާއްޖެއަށް ބޭސް އެތެރެކުރާ ގައުމުތަކުން ނެރޭ އެލާޓްތައް ވެސް ކޮންމެ ދުވަހަކު އެމްއެފްޑީއޭއިން ބަލައެވެ. ބައެއް ހާލަތްތަކުގައި ބޭސް އުފައްދާއިރު މެނިފެކްޗަރިން ޕްރޮސެސް، ނުވަތަ އުފެއްދުމުގެ މަރުހަލާގެ ސަބަބުން ބޭހުގެ ބައެއް ބެޗުތަކުގައި މައްސަލަތައް ހުންނަނީއެވެ. މިސާލަކަށް ބޭހަށް އަޅަންވާ ކެމިކަލް އަޅަންޖެހޭ މިންވަރަށްވުރެ އިތުރަށް އަޅައިފިނަމަ އެ ބެޗެއްގައި މައްސަލަތަކެއް ދިމާވެދާނެއެވެ. އެހެންނަމަވެސް އެއީ އަބަދު ވާ ކަމެއް ނޫން ކަމަށް ޖަލީލާ ވިދާޅުވިއެވެ. ގިނަ ފަހަރަށް ބޭސް ބަހައްޓަންޖެހޭ ޓެމްޕަރޭޗާއެއްގައި ބޭސް ނުބެހެއްޓުމުގެ މައްސަލަތައް ވެސް ކުރިމަތިވެއެވެ. އެގޮތުން ރާއްޖެއަށް ބޭސް ސަޕްލައިކުރާއިރު ގިނަ ފަހަރަށް އެ ބޭސް ރާއްޖެ އަންނަނީ ކޮން ހާލަތެއްގައިކަން އެނގޭނެ ގޮތެއް އަދި ނެތެވެ. ހަމައެއާއެކު ގުދަން ކޮށްފައި ހުންނަ ބޭސް ހުންނަނީ ރަނގަޅު ޓެމްޕަރޭޗާއެއްގައިތޯއާއި ބަލިމީހާ ފާމަސީތަކުން ގެންދާ ބޭސް ގޭގައި ހުންނަނީ ރަނގަޅު ޓެމްޕަރޭޗާއެއްގައިތޯ ޔަގީންކުރުމަކީ މުހިންމު ކަމެކެވެ. ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް ހައްލުކުރަން ކުރަނީ ކޮން މަސައްކަތެއް؟ ޖަލީލާ ވިދާޅުވި ގޮތުގައި މިވަގުތު އެކަން ކަށަވަރު ނުކުރެވުނު ނަމަވެސް ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދަށް ގެންނަ އިސްލާހާއެކު ރާއްޖެއަށް ބޭސް ފޮނުވާ މީހާ އެމްއެފްޑީއޭގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. އޭރުން އެކަމަށް ހައްލު ލިބޭނެއެވެ. ރާއްޖެއަށް ބޭސް ގެންނައިރު ފެކްޓްރީން، ޓްރަކުން، ސީ ޓްރާންސްޕޯޓުން، އެއާ ޓްރާންސްޕޯޓުން އެ ހުރިހާ ޕްރޮސެސްތަކެއް ހުރީމަ ކަށަވަރެއް ނުކުރެވޭ ރާއްޖެއަށް އެ ބޭސް އަންނަނީ އެންމެ ރަނގަޅު ޓެމްޕަރޭޗާގައި ނޫން ކަމެއް. އަޅުގަނޑުމެން މިހާރު އިމްޕްލިމެންޓްކުރަން މަސައްކަތްކުރާ އާ ގަވާއިދުގައި ޖެހޭ އެކޮޅުގައި ސަޕްލަޔާ ރަޖިސްޓްރީ ވާން، ޑިރެކްޓާ ފާމަސޫޓިކަލް، އައިޝަތު ޖަލީލާ ހަމައެއާއެކު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެ ގަވާއިދަށް އިސްލާހު ގެނައުން ކަމަށާއި މިހާރު އެ އިސްލާހުގެ ޑްރާފްޓް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޖަލީލާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ސައިންޓިފިކަލީ ވެސް ބޭހުގެ ކޮލެޓީ ރަނގަޅުތޯ ބަލަމުންދެއެވެ. އެގޮތުން މިދިޔަ އަހަރު 1،000 އެއްހާ ބޭހުގެ ސާމްޕަލް ނަގައި ޗެކުކުރި ކަމަށް ވިދާޅުވިއެވެ. އެ ސާމްޕަލް ނެގޭ ވަރު ދެގުނަ ކޮށްފިނަމަ އެއަށް ވުރެ ގިނަ ކަންކަން ފާހަގަވެ، ކުރިއާލާ ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އެކަން ކުރާނެ ސިސްޓަމް އެބައޮތް ކަމަށާއި ދެން އޮތީ ކެޕޭސިޓީ އިތުރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އެމްއެފްޑީއޭގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ސޯސަންމަގުގައި ހިންގާ ފާމަސީތަކެއް -- ފޮޓޯ/ އަމަން ލަތީފް އާންމުންގެ ބޮޑެތި ކަންބޮޑުވުން، ނަމަވެސް ފަރުދީ ޒިންމާ ވެސް އެބައޮތް! ބޭހުގެ ކޮލެޓީ މައްސަލައާ މެދު އާންމުންގެ ކަންބޮޑުވުން ބޮޑެވެ. https://sun.mv/210203 "ކުއްޖަކު ބަލިވެގެން ވެސް ބޭހެއް ދޭން ޖެހިލުންވާ ހިސާބަށް ގޮސްފި. މިއަދު ދޭ ބޭސް މާދަން ނުދޭން އެބަ އެދޭ،" "ޒަހަރު އަޅާފައި ވެސް އެތެރެ ކޮށްގެން ވިއްކަފާނެ. ކިހިނެއް އެނގޭނީ؟ މި މީހުން ބަލާވެސް ނުލާ އެޕްރޫވް މިކުރަނީ. ދެން ކުދިންނަށް ގޮތްގޮތްވީމަ މި ކިޔަނީ ކޮލެޓީއޭ،" މިއީ އިއްޔެ މަނާކުރި ބޭހާ ގުޅޭ ގޮތުން ކޮމެންޓުކުރި ބައެއް މީހުންގެ ކަންބޮޑުވުމެވެ. އެކަމާ ގުޅޭގޮތުން ޖަލީލާ ވިދާޅުވީ، ކޮފްސީ ސިރަޕްގެ ބެޗެެއްގައި ޕާޓިކަލްސްތަކެއް ފެނުނު ކަމަށާއި މިވަގުތު އޭގެ ތަހުލީލުތައް ކުރަމުންދާތީ ވަކި އެއްޗެއް ބުނަން ދަތިކަމަށެވެ. ޓެމްޕަރޭޗާ މައްސަލައެއްގެ އިތުރުން، އެ ބޭހުގައި ބޭނުންކުރާ ފްލޭވަރިން ސޮލިއުޝަންގެ މައްސަލައެއް ނުވަތަ އެ ބޭސް ހުރި ފުޅީގެ މައްސަލައަށް ވެސް ވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާއްމުކޮށް ބޭސް ހުންނަ ފުޅިއަކީ ވެސް އެ ރައްކާކުރުމަށް ޚާއްސަ ކޯޓިންއެއް ލާފައި ހުންނަ ފުޅިތައް ކަމަށް ޖަލީލާ ވިދާޅުވިއެވެ. އެފަދަ އެތައް މައްސަލައަކާ ހުރެ، ބޭހުގެ ކޮލެޓީއަށް އަސަރުކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން އާންމުން ވެސް ބޭސް ގޭގޭގައި ރައްކާކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް އެބަހުރި ކަމަށާއި، ވަކިން ޚާއްސަކޮށް ބޭސް ނަގައިގެން ގެންދިޔުމަށްފަހު ގޭގޭގައި ހުންނަ އައިސްއަލަމާރި މަތީގައި ބޭސް ބެހެއްޓުން އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭހުގެ ބޭރުގައި ލިޔެފައިވާ އިރުޝާދާ އެއްޗެހި ރަނގަޅަށް ބަލައި ބޭސް، ފާމަސީން ގެންދިޔުމުގެ ކުރިން އެ ބޭހަކީ މުއްދަތު ހަމަވެފައިވާ ބޭއްހެއްތޯ ޔަގީންކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން އާންމުކޮށް ދިވެހީން ބޭނުންކުރާ ބޭސްތައް ކޮލެޓީކޮށް އަދި އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، ކުޑަ އަގެއްގައި މިހާތަނަށް 10 ބޭހެއް ގެނެސް ފާމަސީތަކުން ލިބެން އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ