ފެޑޯގެ 'ސޭވޯ' ޕްރޮޖެކްޓަށް 55 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަނީ

އިމާރާތްކުރުމާއި ރެއަލް އެސްޓޭޓްގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑުން 55 މިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ފެޑޯއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޕްރައިވެޓް ސެކިއުރިޓީޒް ޕްލެޓްފޯމް 'ވިޔަނަ' މެދުވެރިކޮށެވެ. އެ ބޮންޑު އިޝޫކުރުމުގައި ޕްރިންސިޕަލް އެޑްވައިޒާގެ ދައުރު އަދާކުރަނީ ދިވެހި އިންވެސްޓްމެންޓް ޕާޓްނާސްއިން ކަމަށް އެ ކުންފުނިން ބުންޏެވެ. ދިވެހި އިންވެސްޓްމެންޓް ޕާޓްނާސްއަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ދޫކޮށްފައިވާ ޕްރިންސިޕަލް އެޑްވައިޒާ އަދި އިންވެސްޓްމެންޓް އެޑްވައިޒާ ލައިސެންސް ލިބިފައިވާ، މާލީ ލަފާދޭ ކުންފުންޏެއްކަން ފެޑޯއިން ފާހަގަކުރިއެވެ. އެ ކުންފުނީގެ ބޮންޑުގައި އިންވެސްޓުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފައިވާއިރު، އެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏަކުން ރާއްޖޭގެ ކެޕިޓަލް މާކެޓަށް ނެރޭ އެ ބާވަތުގެ ފުރަތަމަ މާލީ އިންސްޓްރޫމަންޓްކަން ފެޑޯއިން ފާހަގަކޮށްފައިވެއެވެ. ފެޑޯއިން ބުނީ އެ ބޮންޑަކީ ކޮންވެންޝަނަލް ފިކްސްޑް-އިންކަމް އިންސްޓްރުމެންޓެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ބޮންޑެއް ކަމަށެވެ. އަދި އެ ބޮންޑުން އަހަރަކު 8.5 ޕަސެންޓްގެ އިންޓްރެސްޓު އިންކަމްއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ފައިދާ ދޭނީ އަހަރަކި ދެ ފަހަރު، ފަސް އަހަރުގެ މުއްދަތަށް ކަމަށް ފެޑޯއިން ބުންޏެވެ. އެ ކުންފުނިން ނެރުނު ބަޔާނުގައިވާ ގޮތުން، އިންވެސްޓަރުންނަށް ބޮންޑުގައި ބައިވެރިވެވޭނީ މަދުވެގެން 10 ބޮންޑުގައި، އެއީ ޖުމްލަ 10،000 ރުފިޔާ އިންވެސްޓްކޮށްގެންނެވެ. "މިސާލަކަށް 100،000 ރުފިޔާގެ އިންވެސްޓްމެންޓަކުން އިންވެސްޓަރުންނަށް ކޮންމެ އަހަރަކު 24،966 ރުފިޔާ ލިބޭނެއެވެ. މީގެ ތެރޭގައި އިންޓްރެސްޓާއި އިންވެސްޓްކުރި ޕްރިންސިޕަލް އަދަދުގެ ބައެއް ހިމެނެއެވެ." ފެޑޯގެ ބަޔާނުގައިވެއެވެ. އެ ކުންފުނިން ބުނީ، އެ ބޮންޑުން ލިބޭ ފައިސާ ބޭނުންކުރާނީ ހުޅުމާލޭގައި ގާއިމުކުރާ 'ސޭވާ' ޕްރީމިއަމް އާބަން ރިޓްރީޓް އެންޑް ލައުންޖް ފެސިލިޓީ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި ފަތުރުވެރިންނާއި ކޯޕަރޭޓް ކްލައިންޓުންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ސޭވާގައި ބައިނަލްއަގުވާމީ ފެންވަރުގެ ރެސްޓޯރެންޓުތަކާއި އެންމެ ޒަމާނީ ޖިމާއި އިންފިނިޓީ ޕޫލަކާއި ޚާއްސަ ކޮންފަރެންސް ރޫމްތަކާއި އެހެނިހެން މަތީ ފަންތީގެ ވަސީލަތްތައް ހިމެނޭނެ ކަމަށް ފެޑޯއިން ބުންޏެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ފެޑޯ ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފަންތީގެ މަޝްރޫއުތައް ހިންގާ ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ