އެންމެ ގިނައިން ވިހެއީ 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ވިހައިފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ވަނީ، ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނެރެފައެވެ. ހެލްތު މިނިސްޓްރީން ބުނީ އެ ބުލެޓިންނަކީ ރާއްޖޭގައި ވިހައިމަރުވާ ތަފާސްހިސާބު އެ އަހަރެއްގެ ތެރޭގައި އާއްމުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެ ބުލެޓިން އެކުލަވާލާފައިވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ވިހައިމަރުވުމުގެ ތަފާސްހިސާބުގެ މައްޗަށެވެ. އެ ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 1،435 ކުދިން ވިހާފައިވާއިރު މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. އޭގެ ތެރޭގައި ހިމެނެނީ 697 އަންހެން ކުދިންނާއި 730 ފިރިހެން ކުދިންނެވެ. އެ ތަފާސްހިސާބުގައިވަނީ، އަންހެނުން ދަރިން ހޯދާ އުމުރު މަތިވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ތިން މަހު ދަރިން ހޯދި އަންހެނުންގެ ތެރެއިން އެންމެ ގިނައީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެއީ 444 މީހުންނެވެ. އެ މުއްދަތުގައި ދަރިން ލިބުނު އެހެން އުމުރުފުރާތަކަށް ބަލާއިރު: އުމުރުން 18 އަހަރާއި 19 އަހަރުގެ 13 އަންހެނުން އުމުރުން 20 އަހަރާއި 24 އަހަރާ ދެމެދުގެ 205 އަންހެނުން އުމުރުން 25 އަހަރާއި 29 އަހަރުގެ 394 އަންހެނުން އުމުރުން 35 އަހަރާއި 39 އަހަރުގެ 296 އަންހެނުން އުމުރުން 40 އަހަރާއި 44 އަހަރުގެ 68 އަންހެނުން އުމުރުން 45 އަހަރާއި 49 އަހަރުގެ ހަތަރު އަންހެނުން މީގެ އިތުރުން ތިން ކުޑަކުދިންނަށް ވެސް ދަރިން ލިބިފައިވާ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އެއީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ދަރިން ހޯދައިފައިވަނީ އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން ކަމަށް ތަފާސްހިސާބުން ދައްކާ -- ހެލްތު މިނިސްޓްރީން ނެރުނު ބުލެޓިންގައިވާ ގޮތުން، ފުރަތަމަ ކުއާޓަރުގައި އެންމެ ގިނަ ކުދިން އުފަންވެފައިވަނީ މާރިޗު މަހުގައެވެ. އެގޮތުން އެ މަހު 504 ކުދިން އުފަންވިއިރު، ޖަނަވަރީ މަހު 466 ކުދިން އުފަންވެ، ފެބްރުވަރީ މަހު އެ އަދަދު ހުރީ 457ގައެވެ. ހެލްތު މިނިސްޓްރީން ބުނީ އެ ބުލެޓިން ޝާއިއުކުރުމުގެ މަގުސަދަކީ ރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ސިސްޓަމް ހަރުދަނާކުރުމަށް ޓަކައި ބޭނުންވާ މައިގަނޑު އެއް އަސާސް ކަމަށްވާ ވިހައިމަރުވުމުގެ ތަފާސްހިސާބުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް ސައްހަކަމާއެކު ކޮންމެ ތިން މަހުން އެއް މަހު އާއްމުކުރުން ކަމަށެވެ. އެގޮތުން މިއަދު އާންމުކުރި ބުލެޓިންއަކީ ކުރިއަށް އޮތް ތަނުގައި، އެއް ކުއާޓަރާއި އަނެއް ކުއާޓަރާ އަޅައިކިޔައި، މީހުން މަރުވާ މައިގަނޑު ސަބަބުތައް ހިމެނުމަށްފަހު ނެރުމަށް ގަސްތުކޮށްފައިވާ ބުލެޓިންއެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ތަފާސްހިސާބުތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިންމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ސިއްހީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްހީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވެސް ބުލެޓިން ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، އާބާދީ މިހާރު ފަސް ލައްކައަށް އަރާއިރު، އޭގެ ތެރޭގައި 194،562 ފިރިހެނުންނާއި 188،077 އަންހެނުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ