ކައުންސިލްތަކުގެ ބާރު ހަނިވާގޮތަށް ގާނޫނަށް ގެނައި އިސްލާހުތައް ބާތިލްކުރަން އެމްޑީޕީން ހައިކޯޓަށް

ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާގޮތަށް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތައް ބާތިލްކުރަން އިދިކޮޅު އެމްޑީޕީން ހައިކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ. އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ސަރުކާރުން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތަކަކީ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ އެންމެހާ އުސޫލުތަކާ ޚިލާފު، އަދި ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި، މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ނިގުޅައިގެންދާ ފަދަ ބަދަލުތަކެއް ކަމަށެވެ. އެގޮތުން މި އިސްލާހުގައި އޮތް ގޮތުން ކައުންސިލްތަކުން ކުރެވޭނެ ވިޔަފާރިތަކުގެ ދާއިރާތައް ހަނިވެ، ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރުގެ ތެރެއިން ފަހު އަހަރުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ގޮތަކަށް ނޫނީ ކައުންސިލްތަކުގެ އިދާރާތަކަށް ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުން ނުނެގޭނެކަމާއި، ކައުންސިލްތަކުގެ އިހްތިޞާސްގައި ހުރި ބިންބިމާއި ފަރުފަޅުގެ ސަރަހައްދުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމާއި، ކައުންސިލްތަކުން ތަރައްގީގެ އާ މަޝްރޫއުތައް ނުފެށޭނެ ކަން އެމްޑީޕީން ފާހަގަކޮށްފައިވެއެވެ. މި ގޮތަށް ގާނޫނު ބަދަލުކުރުމުގެ ސަބަބުން ކައުންސިލްތަކަށް ގާނޫނުތަކާއި ގަވައިދުތަކުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅި ލާމަރުކަޒީ ނިޒާމުގެ ބާރު ކެނޑޭ ކަމަށް، އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި ބަދަލުތައް ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ސަރުކާރުން ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ބަދަލުކޮށްފައެވެ. މި މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ހޯމަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަން ވެސް މިހާރު އެ ގާނޫނުގައި ވެއެވެ. އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ. ރައީސް މި ބިލު ތަސްދީގުކުރެއްވީ، ތަސްދީގުނުކުރަން އެކި ކައުންސިލްތަކުން އެދިފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ