އެމްއެމްއޭ ކުރިމަތީގައި އޮންނަ ފަޅު ބޭނުން ކުރަމުންދިޔަ ފެރީތަކަށް ނޯތު ހާބަރާއި ޓީ-ޖެޓީ ހަމަޖައްސައިފި އެމްއެމްއޭ ކުރިމަތީގައި އޮންނަ ފަޅު ބޭނުން ކުރަމުންދިޔަ ފެރީތަކަށް ނޯތު ހާބަރާއި ޓީ-ޖެޓީ ހަމަޖައްސައިފި

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދު ކުރިމަތިން އޮންނަ ފަޅުތެރެ ބަންދުކޮށްފައިވާތީ އެ ސަރަހައްދު ބޭނުންކުރަމުންދިޔަ ފެރީތަކަށް އިތުރު ދެ ސަރަހައްދެއް ހަމަޖައްސައިދޭން ނިންމައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެ ފެރީތަކަށް ނޯތު ހާބަރާއި ޓީ-ޖެޓީ ބޭނުންކުރެވޭނެ ކަމަށެވެ. އެމްއެމްއޭ ސަރަހައްދު ބަންދުކުރީ ތިން މަހެއްހާ ދުވަހުގެ މުއްދަތަކަށެވެ.
އެ މުއްދަތު ހަމަވުމުން ވެސް ބޭނުންވާ ފަރާތްތަކަށް މި ދެ ޖެޓީ ބޭނުންކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.
އެމްއެމްއޭ ސަރަހައްދު އާންމުކޮށް ބޭނުންކުރަނީ އަތޮޅު ތެރެއިން މާލެއަށް ދަތުރުކުރާ ފެރީ ލޯންޗުތަކުންނެވެ. ކައިރި އަތޮޅުތަކުން އަންނަ ދޯނި ފެރީތަކާއި ރިސޯޓުތަކުގެ އުޅަނދުތައް ވެސް އެ ސަރަހައްދު ބޭނުންކުރެ އެވެ.
އަލަށް ހަމަޖެއްސި ދެ ސަރަހައްދު ބޭނުންކުރަން އެދޭނަމަ މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަދި ޓީ ޖެޓީ އޮޕަރޭޝަންސް ނަންބަރު 3039644 އަށް ގުޅުމަށް އެމްޕީއެލް އިން އެދިފައިވެ އެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ގޮސް މަސްމާރުކޭޓާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 9، ގަ އެވެ. އެ މަޝްރޫއުގެ ދަށުން 737 މީޓަރުގެ ސަރަހައްދެއް ޝީޓު ޕައިލްކޮށް ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ޑްރެއިނޭޖް ސާވިސް ލައިނެއް އެޅުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ތައްޔާރު ކުރަން ޖެހޭނެ އެވެ.
އެ މަސައްކަތް ކުރަން އެމްޓީސީސީއާ ހަވާލު ކުރީ ދޮޅު އަހަރު ތެރޭގައި 830 މީޓަރުގެ އެ މަގުގެ މަސައްކަތް ނިންމުމަށެވެ. މަޝްރޫއުގެ ޖުމުލަ އަގެއް ކަމަށް މިނިސްޓްރީން އޭރު ބުނީ 144.50 މިލިއަން ރުފިޔާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ