ސައްހަ ނޫން ލައިސެންސްއެއް ހަދައިގެން މީހަކު ގާނޫނީ ވަކީލުކަން ކުރިކަން ބާ ކައުންސިލަށް ފާހަގަވަމުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސައްހަ ނޫން ލައިސެންސެއް ނުވަތަ ގާނޫނީ ވަކީލުކަމުގެ ލިޔުމެއް ގެންގުޅުނު ކަމަށް، ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ފާތިމަތު ތޫބާ އަބްދުﷲ، ހޭވަލި/ ލ. ފޮނަދޫގެ މައްޗަށެވެ.
މި ކަން ބާ ކައުންސިލުން ބެލީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކައުންސިލަށް ހުށަހެޅުމުންނެވެ. ތޫބާއަކީ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
ތަފްސީލް - ބާ ކައުންސިލުން ބުނީ ތޫބާއަކީ އެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ
ފަރާތެއް ނޫން ކަން އެ ކައުންސިލަށް ފާހަގަކުރެވުނު ކަމަށެވެ. އެ ގޮތުން:
އޭނާ ގެންގުޅޭ ލައިސެންސްގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން؛ އެއީ ސުޕްރީމް ކޯޓުން ވަކީލުންގެ ލައިސެންސް ދޫކުރި ޒަމާނުގެ ލައިސެންސާ ވައްތަރު ލައިސެންސެއް
އެ ލިޔުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހިމަނާފައިވާ ސޮޔަކީ، އެ ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ނޫން
މީގެ އިތުރުން ބާ ކައުންސިލްގެ ވަކީލުންގެ ދަފްތަރުގައި ވެސް ތޫބާ ނުހިމެނޭ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި ތޫބާއަކީ ޑީޖޭއޭ އާއި ސުޕްރީމް ކޯޓުން ވެސް ވަކާލަތު ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތެއް ނޫން ކަން އެނގިފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ ކައުންސިލުން ބުނީ އެ ކައުންސިލްގެ ވެބްސައިޓްގައި ވަކީލުންގެ ދަފްތަރު އާންމުކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ގާނޫނީ ހިދުމަތް ހޯދުމުގެ ކުރިން އެއީ ވަކީލެއް ކަން ކަށަވަރުކުރަން އެ މައުލޫމާތު ވެބްސައިޓުން ބެލުމަށް ބާ ކައުންސިލުން އިލްތިމާސްކުރެ އެވެ.
އެނގުން މުހިންމު - ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ފިޔަވައި އެހެން
ފަރާތަކުން އޭނާއަކީ ވަކީލެއް ކަމަށް އާންމުންނަށް ގަބޫލުކުރެވޭނެ
ފަދައަކުން ދެއްކުމާއި، ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަކީ، ގާނޫނީ ފަންނުގެ ގާނޫނުގެ
ދަށުން މަނާކަމެކެވެ. އަދި އެއީ ގާނޫނީ ކުށެކެވެ.
ސައްހަ ނޫން ލިޔެކިއުން އުފެއްދުމާއި ދައުލަތުގެ އިދާރާއެއްގެ ނިޝާން ބޭނުންކޮށްގެން ދައުލަތުގެ ނަމުގައި ސައްހަ ނޫން ލިޔުން އުފެއްދުމަކީ ވެސް ޖިނާއީ ކުށެކެވެ.
ފޭކު ލައިސެންސެއް ހަދައިގެން ވަކީލުކަންކުރި މައްސަލައެއް ބާކައުންސިލުން ފުލުހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ