ބަޓޫމީ ކަޕުގައި ވާދަކުރުމަށް ލައިބާ ޖޯޖިއާއަށް
ޖޯޖިއާގައި ބާއްވާ ބަޓޫމީ ކަޕް ޔޫތު އިންޓަނޭޝަނަލް 2025 ގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓީމުގެ އެންމެ އުންމީދީ ތަރި ލައިބާ އަޙްމަދު މަޚްލޫޕް ފުރައިފިއެވެ. މިމަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތަކީ ޖޯޖިއާގެ ނެޝަނަލް ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 7 ގައުމަކުން 78 އެތުލީޓުން ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ޖޯޖިއާ، ކަޒަކިސްތާނު، އަރުމީނިއާ، ލެޓްވިއާ، އަޒަރުބައިޖާންގެ އިތުރުން ދިވެހިރާއްޖެއެވެ. މުބާރާތް ކުރިއަށްގެންދާ އުމުރުފުރާތަކަކީ 11 އަހަރުންދަށް، 13 އަހަރުންދަށުގެ އިތުރުން 15 އަހަރުންދަށެވެ. ކުރިއަށްގެންދާ ކެޓަގަރީތަކަކީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުތަކެވެ. ބަޓޫމީ ކަޕުގައި ލައިބާ ވާދަކުރާނީ ދެ ކެޓަގަރީއެއްގައެވެ. އެއީ 13 އަހަރުންދަށުގެ ސިންގަލްސް އިވެންޓުގެ އިތުރުން ޑަބަލްސް އިވެންޓުގައެވެ. ސިންގަލްސް އިވެންޓުގައި ލައިބާ ވާދަކުރާނީ ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާއާއެވެ. މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާ ވާދަކުރާނީ އަރުމީނިއާގެ މަނުކްޔަން ނާރެކްއާއެވެ. ލައިބާ ވަނީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ބޭއްވި "އަރުމީނިއަން ޔޫތު އޯޕަންގެ ތިން ކެޓެގަރީއަކުން ރަން މެޑަލްވެސް ހޯދާފައެވެ. މީގެއިތުރުން ލައިބާ ވަނީ ދާދިފަހުން ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުގައި ވެސް ހިމެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ