މަޖިލިސް މެންބަރުން އުޅެނީ ދިމްޔާތު ވަށައި ބޯތަށި ހިފައިގެން: ޖަމީލު

ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ މެންބަރުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ނުކުރާ ކަމަށާއި އެ މެންބަރުން ތިބެނީ ރައީސް މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. 'ދިމްޔާތު ވަށައި ރިހަތަށި ހިފައިގެން ތޮވާފްކޮށްލަކޮށްލާ" ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި ސަރުކާރަށާއި ރައީސް މުއިއްޒު އަދި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ޖަމީލުގެ ފާޑުކިޔުމާއި ބަހުގެ ހަމަލާތަކެއް ދެއްވީ، މިރޭ ޕީއެންއެފްއިން 'ވޭކަޕް' ނަމުގައި އާޓިފިޝަލް ބީޗުގައި މިހާރު ބާއްވަމުން ގެންދާ ޖަލްސާގަ އެވެ.
ތަފްސީލު - ޖަމީލު ވިދާޅުވީ ރައީސް މުއިއްޒު އުޅުއްވަނީ "ގާނޫނީ ވެރިކަމެއް ކުރައްވަން ނޭނގިގެން" ކަމަށެވެ. ކޮންމެ ދިމާލަކަށް ބެލިއަސް ފެންނަނީ އެ މަންޒަރުކަމަށް ވިދާޅުވި އެވެ.
"މުޅި ރާއްޖޭގެ ނިޒާމް ބަނދެލައިގެން މިއުޅެނީ. ޝަރުއީ ކޯޓު ބަނދަލައިގެން، ރައްޔިތުންގެ މަޖިލިސް ބަނދަލައިގެން، ކައުންސިލްތައް ބަނދެލައިގެން، މީޑިއާ ބަނދެގެން. އަޅެ މީނައަށް [ރައީސް މުއިއްޒަށް] މީހުން ބަނދެލައިގެން ނޫނީ ވެރިކަން ކުރަން ނޭނގެ،" ޖަމީލު ވިދާޅުވި އެވެ.
އާ ގާނޫނުއަސާސީގެ ދަށުން ހަތަރު ވެރިޔަކު ވެރިކަން ކުރެއްވިކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒު ނޫނީ މިގޮތަށް ވެރިކަން ކުރެއްވި ވެރިޔަކު ނެތް ކަމަށެވެ. 
ޖަމީލުގެ ވާހަކަފުޅުގައި ދެން ވިދާޅުވީ:
ރައްޔިތުންގެ މަޖިލިސް ވެސް އޮތީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ނޫން ކަމަށް
މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުގެ ނުފޫޒުގައި
"މިއަދު ނެތޭ މުޅި ރާއްޖޭގެ މަސްލަހަތަށްޓަކައި ވަކާލާތު ކުރާނެ މެންބަރުން. މިއަދު ތިބީ، ދިމްޔާތުގެ ބަދިގެ ކައިރީ ތޮވާފްކުރާ މެންބަރުން. އެ ބަދިގޭގައި ކައްކާ ރިހަގަނޑުގެ ހުޝްބޫގައި ޖެހިފައި މަސްތުވެފައި މި ތިބީ. ބޯތަށި ހިފައިގެން ތޮވާފްކޮށްލަކޮށްލާ،" ޖަމީލު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ:
މިއަދު ރާއްޖޭގައި މިނިވަން އަދި އިތުބާރު ހިފޭ ޝަރުއީ ދާއިރާއެއް ނެތް
ރާއްޖެ ކުރިއަށް ދާން ބޭނުން ނަމަ، ޖުޑީޝަރީއަށް ވަރުގަދަ އިސްލާހީ އެޖެންޑާއެއް ބޭނުންވޭ
އެފަދަ ވަރުގަދަ ރިފޯމް އެޖެންޑާއެއް ޝަރުއީ ދާއިރާއަށް ރައީސް އަބްދުﷲ ޔާމީން ގެންނަވާނެ
މީޑިއާ ކޮންޓްރޯލްކުރުމުގެ ނިޔަތް އޮތް ބިލު މިހާރު އޮތީ މަޖިލިހުގަ އެވެ. އެކަމާ ގުޅުވައި ޖަމީލް ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި މީޑިއާ މިނިވަން ވާނެ ކަމަށް ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާ ހިލާފަށް ކަމަށެވެ.
"[ރައީސް މުއިއްޒަށް] ނިދި ނައިސްގެން އުޅެނީ ދިވެހި ރައްޔިތުން ހަބަރުތައް ފަތުރާތީ، ނޫސްވެރިން ވާހަކަތައް ލިޔާތީ، މިނިވަން މީޑިއާގެ ހަބަރު ގެނެސްދޭތީ. ބައްލަވާ، އެއީ ވެރިޔަކަށް ހުންނަ މީހާގެ އަތްޕުޅުގައި އޮންނަ ކަމެއް ނޫނޭ،" ޖަމީލު ވިދާޅުވި އެވެ.
އިދިކޮޅުގައި އޮތް އިރު "އިންޑިއާ އައުޓް އާއި ކަނޑު ވިއްކާލި ވާހަކަ" ދެއްކެވުމަށް ފަހު، ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒަށް "މީޑިއާ ތަހަމަލު ނުކުރެވޭ" ކަމަށް ޖަމީލު ވިދާޅުވި އެވެ. އެހެންވެ މިހާރު މަސައްކަތް ކުރައްވަނީ "މީޑިއާތަކުގެ ދުލުގައި ތަޅުއަޅުވަން" ކަމަށް ވިދާޅުވި އެވެ.
"[ރައީސް] މުއިއްޒު ހީކޮށްގެން ނުވާނެ ދިވެހި ރާއްޖެއަކީ ހަމަ މިހެން އަންނަ ވެރިއަކަށް އޭނާ ގޮސް ދޮގުހަދާފައި، ބަޗައިގެން ދެވޭނެ ތަނެކޭ. %100 ގެރެންޓީ ﷲގެ ރަހުމަތާ އެކު މީޑިއާއަށް އެ ކުރަން އުޅޭ ކަމެއް ކުރަން ހިލާ އަޅުގަނޑުމެން ތަނެއް ނުދޭނަން، ހިލާ ތަނެއް ނުދޭނަން. ހިލާ ތަނެއް ނުދޭނަން،" ޖަމީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ