ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ހިޔާނާތުގެ މުގުލުގައި ހުންނެވި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު، ދުބާއީގައި މިހާރު ދިރިއުޅުއްވާ އެޕާޓްމަންޓްގެ ކުލި ދައްކަވަނީ އެހެން ސިޔާސީ ލީޑަރެއް ކަމަށް ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ޔާމީންގެ މައްޗަށް ވެސް ބައިވެރިވިި ކަމުގެ ތުހުމަތު އޮތް އެ ހިޔާނާތުގެ ތަހުގީގުގެ މުހިންމު ހެކިންގެ ގޮތުގައި ވެސް މިވީހާ ތަަނަށް ތިބީ އަދީބާއި އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށްގެން ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި އެ މައްސަލާގައި އިސްކޮށް ހުންނެވި އަދީބަށް މިދިޔަ ސަރުކާރުގެ ފަހު ދުވަސްވަރު މާފުކޮށް މިނިވަންކުރި އެވެ.
ބުނީ ކީކޭ؟ - 'ވޭކް އަޕް' ނަމުގައި ޕީއެންއެފުން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެހެން ސިޔާސީ ލީޑަރުން ރައްޔިތުންގެ ހައްގުގައި ނުކުންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އެއީ ބޮޑެތި ކޮރަޕްޝަންތަކުގެ ފަހަތުގައި ވެސް ތިއްބަވަނީ އެ ލީޑަރުން ކަމަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.
ވަކި ލީޑަރެއްގެ ނަން ޔާމީން ނުގެންނަވަ އެވެ. އެކަމަކު އެ ލީޑަރުން ކުރައްވާފައި ހުރި ބައެއް ކަންކަން ކިޔައިދެއްވި އެވެ. އެ ގޮތުން އަދީބުގެ ވާހަކަ ދެއްކެވުމުގެ ކުރިން ދެއްކެވީ ދުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން، ކޮވިޑް-19ގެ ދުވަސްވަރު، ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ކޮރަޕްޝަންގެ ވާހަކަ އެވެ.
"ކޮންމެވެސް ލީޑަރެއްގެ އަންހެން ދަރިއެއްގެ ބޭންކް އޮފް ސިލޯނުގެ އެކައުންޓެއްގައި އެ ފައިސާ ހުރީ،" ޔާމީން ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ ކޮރަޕްޝަންގެ ވާހަކައިގެ ތެރެއިން ޔާމީން ދެން ވިދާޅުވަނީ ރާއްޖޭގެ އިސް ސިޔާސީ ލީޑަރަކު އަދީބުގެ ދިރިއުޅުމުގެ ހަރަދުތައް ވެސް ބަލަހަައްޓަވާ ކަމަށެވެ.
"އަދީބު ދިރިއުޅުއްވާ އެޕާޓްމަންޓްގެ ރެންޓު ވެސް ދައްކަވަނީ އެ ބޭފުޅަކު. ހަމަ ރާއްޖޭގެ އިސް ބޭފުޅެއް އެއީ. ދުބާއީ އެކައުންޓަކުން ހަމަ އޮޕަރޭޓްކުރަނީ ވެސް،" ޔާމީން ވިދާޅުވި އެވެ.
"ކީއްވެގެންތޯ އެ ބޭފުޅާއަށް އަދީބު ބަލަދު އަރައިގެން މި އުޅެނީ. އަދީބު އެއޮށް ތަނަވަސް މީހާގެ އެޕާޓްމަންޓް އާއި އޭނާގެ ދިރިއުޅުމުގެ ހަރަދު އެހެން މީހެއްގެ ޗެކް ފޮތުން ކަނޑާލަން ޖެހެނީ؟" ސުވާލުތަކެއް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތުގައި ހަމައެކަނި ބެލީ އެމަނިކުފާނުގެ މައްސަލަ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ފިޔަވައި ކޯޓުގެ މަރުހަލާތަކުގެ ތެރެއިން ހުކުމެއް އައިސް ނުވަތަ ސާބިތުނުވެގެން ސަލާމަތްވި ލީޑަރަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އެ މީހެއްގެ މައްސަލަ އެފުށުން މިފުށަށް ބަލައި، އެ މީހެއްގެ އެކައުންޓް އެއްކޮޅުން އަނެއްކޮޅަށް ބެލި ރައީސަކު ނުހުންނާނެ އަޅުގަނޑު ނޫނީ. ކޯޓުން ހުކުމެއް ނެތި، ހުކުމެއް ކޮށްފާނެ ދެން، އެކަމަކު ހުކުމް ނުދެމެހެއްޓިގެން ކޮންމެ ފަހަރަކު ކޯޓުން ނުކުމެގެން އައި ރައީސަކު ވެސް ހުންނާނެ،" ކުރީގެ ސަރުކާރުގައި އުފުލި ދައުވާތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ ތުހުމަތުތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ވެސް އަމާޒުކުރެއްވި އެވެ. މި ސަރުކާރުގެ ގޯސް ވާހަކަތައް އެ ދެ ބޭފުޅުން ނުދައްކަވަނީ ސަރުކާރުގެ މަޝްރޫއުތަކުންނާއި އެކި ގޮތް ގޮތުން ފައިދާވަމުންދާތީ ކަމަށް ވިދާޅުވި އެވެ.
އަދީބު ދިރިއުޅޭ އެޕާޓްމަންޓް ކުލި ދައްކާ ލީޑަރު ދަންނަން: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ