މީޑިއާ ބިލު މަޖިލީހުން ބޭރުކުރަން ސީޕީޖޭއިން ރައީސަށް ގޮވާލައިފި
މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލު ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް މުހައްމަދު މުއިއްޒު އަށް ގޮވާލައިފި އެވެ.ދުނިޔޭގެ ނޫސްވެރިންގެ ހައްގުގައި ވަކާލާތުކުރާ އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭއިން ނެރުނު ބަޔާނެއްގައި، މިއީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރުކަން ފާހަގަކޮށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި އަދި ސަރުކާރުގެ ފުރިހަމަ ނުފޫޒު މީޑިއާތަކަށް ފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު މަޖިލީހުން ބޭރުކުރަން ރައީސް މުއިއްޒަށް ދަންނަވާ ކަމަށެވެ."މީޑިއާގެ މިނިވަންކަން ދަމަހައްޓަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ދަމަހައްޓަވައި، މި ބިލު މަޖިލީހުން ބޭރުކުރާނެކަން ކަށަވަރުކޮށްދޭން ޖެހޭ،" ސީޕީޖޭގެ އޭޝިއާ-ޕެސިފިކް ރީޖަނަލް ޑިރެކްޓަރު ބެ ލީ އީ ވިދާޅުވި އެވެ."ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންހާ ގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ވެސް ނުރައްކާވާނެ."ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ. އެ ބިލު ބޭރުކުރަން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އާއި މީޑިއާ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ގޮވާލާފަ އެވެ.މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު، އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެއެވެ.އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.މީގެ އިތުރުން، ބިލު ފަރުމާކޮށްފައި އޮތީ މައްސަލައަކާ ގުޅިގެން އެއްކޮށް މައްސަލަ ނުނިމެނީސް މީޑިއާތައް އެއްކޮށް ހުއްޓުވާލުމުގެ ބާރު ވެސް ގާނޫނުން އުފައްދާ ކޮމިޝަނަށް ލިބޭ ގޮތަށެވެ.އެ ބިލު ބޭރުކުރަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ވެސް ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ