ގައުމީ ފުޓްބޯޅަ ކޯޗަށް ޝިޔާޒު ހަމަޖައްސައިފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ މުހައްމަދު ޝިޔާޒު (މޯހަން) މިއަދު ހަމަޖައްސައިފި އެވެ.
ވަރަށް ޒުވާން އިރުއްސުރެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން ވެސް މަސައްކަތްކުރި އަދި ރާއްޖޭގެ އެއްވަނަ ޑިވިޒަންގެ ބޮޑެތި ޓީމުތަކުގެ ކޯޗުކަން ޝިޔާޒު އަންނަނީ ކުރަމުންނެވެ. އެކަމަކު މިއީ ގައުމީ ކޯޗުކަމުގެ މަގާމު އޭނާއަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގައުމީ ކޯޗުގެ ޒިންމާ ޝިޔާޒްއާ ހަވާލުކުރަނީ އަންނަ މަހު ސްރީ ލަންކާގައި އޮންނަ ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމާއި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ކުރިއަށް އޮތް މެޗުތަކަށް ޓީމު ނެރޭށެވެ.
ޝިޔާޒަކީ ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި 2008ގައި ކާމިޔާބުކުރި ގައުމީ ޓީމުގެ އެސިސްޓެންޓް އެއް ކޯޗެވެ. އޭގެ އިތުރުން ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް 1997ގައި ރާއްޖެ ދިޔަ އިރު ވެސް އޭނާއަކީ އެސިސްޓެންޓް ކޯޗެވެ.
އެންމެ ފަހުން ގައުމީ ކޯޗަކަށް ހުރީ އަލީ ސުޒެއިން އެވެ. އޭނާއަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ދިވެހި ފުރަތަމަ ކޯޗެވެ.
މިއަދުގެ އެކްސްކޯގެ ބައްދަލުވުމުގައި 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ކުރީގެ ގައުމީ ޓީމުގެ ދިފާއީ ކުޅުންތެރިޔާ އަދި ފަހުން ކޯޗެއްގެ ގޮތުން މަސައްކަތްކުރަމުން އަންނަ މުހައްމަދު ސޮބާހު ވެސް ހަމަޖެއްސި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ