ސަތާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަަކަށް ސޮބާހު މުހައްމަދު (ސޮބާ) އަދި ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް އަހުމަދު ނިޔާޒް (ނިޔާ) ހަމަޖައްސައިފި އެވެ.
ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގައި ގިނަ ޓީމުތަކަކަށް ކޯޗުކޮށްދިން ސޮބާ އެންމެ ފަހުން ފެނުނީ، މިދިޔަ މެއި މަހު ކުރިއަށްދިޔަ އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗެއްގެ ގޮތުގަ އެވެ. ބާސެލޯނާގައި ވެސް ކޯޗިން ތަމްރީންތަކެއް ފުރިހަމަކޮށްފައިވާ ސޮބާ ވަނީ މީގެ ކުރިން، އެކަޑަމީ ލެވަލްގައި ވެސް މަސައްކަތްކޮށް، ޔޫތު ފުޓްބޯޅައިގައި ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ގައުމީ 23 އަހަރުން ދަށުގެ ކޯޗިން ޓީމުގައި ވެސް މީގެ ކުރިން މަސައްކަތްކުރި، ސޮބާ، 17 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެފައިވަނީ، 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 17 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިން އަށެވެ.
އަންނަ މަހު މަހު، 15-27 އަށް ލަންކާގެ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި، ރާއްޖެއާ އެކު، ގްރޫޕް ބީ ގައި އޮތީ އިންޑިއާ، ބޫޓާން އަދި ނޭޕާލް އެވެ. އިންޑިއާ އިން މި އުމުރާ ގުޅޭ މުބާރާތްތަކުގައި (15 އަހަރުން ދަށް، 16 އަހަރުން ދަށް، 17 އަހަރުން ދަށް) ހަ ފަހަރު ތަށި ހޯދާފައިވާއިރު، ޕާކިސްތާނުން 2011 ވަނަ އަހަރު ތަށި އުފުލާލި އެވެ. އަދި، ބޫޓާނުން 2017 ގައި ހަތަރު ވަނަ ހޯދިއިރު، ރާއްޖޭން މި އުމުރުފުރާއާ ގުޅޭ މުބާރާތްތަކުގެ ތެރެއިން، 2023 ވަނަ އަަހަރު ސެމީ ފައިނަލުގައި ވާދަކުރި އެވެ.
ސައުދީ އަަރަބިއްޔާގައި އަންނަ އަހަރު ބާއްވާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ވާދަކުރަން ޖެހުނީ ވަރުގަދަ ގްރޫޕެއްގަ އެވެ. ރާއްޖެ އާއި ތައިލެންޑްގެ އިތުރުން ގްރޫޕް އެފްގައި ހިމެނެނީ، ކުވެއިތު، ތުރުކުމެނިސްތާން އަދި މޮންގޯލިއާ އެވެ. ކޮލިފައިން މެޗުތައް ތައިލެންޑުގެ ޗޮންބުރީގައި ކުރިއަށްދާނީ، ނޮވެމްބަރު 22-30 އަށެވެ.
ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ނިޔާ ހަމަޖެއްސިއިރު، އޭނާ އަންނަނީ ފުޓްސަލްގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މި ވަގުތު ކްލަބް މޯލްޑިވްސް ކަޕްގެ އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ ކޯޗަކަށް ހުރި ނިޔާ ވަނީ، ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ވެސް މީގެ ކުރިން މަސައްކަތްކޮށްފަ އެވެ. އަދި، ނިޔާ އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ.
އަންނަ އަހަރު މެއި މަހު، އިންޑޮނޭޝިއާގައި ބާއްވާ ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހެނީ މިޔަންމާ އަދި އަފްގާނިސްތާން އެއް ގްރޫޕެއްގަ އެވެ.
ރާއްޖެ ހިމެނޭ ގްރޫޕްގެ ކޮލިފައިން މެޗުތައް އޮތީ މިޔަންމާގަ އެވެ. ފުރަތަމަ މެޗުގައި، އަންނަ މަހު 20 ވަނަ ދުވަހު އަފްގާނިސްތާނާ ކުޅުމަށް ފަހު، އޭގެ ދެ ދުވަސް ފަހުން، މިޔަންމާއާ ކުޅޭނެ އެވެ.
17 އަހަރުން ދަށު ގައުމީ ޓީމުގެ ކޯޗަކަށް ސޮބާ، ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ނިޔާ 17 އަހަރުން ދަށު ގައުމީ ޓީމުގެ ކޯޗަކަށް ސޮބާ، ގައުމީ ފުޓްސަލް ޓީމުގެ ކޯޗަކަށް ނިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ