ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ހަަމަޖައްސައިފި އެވެ.
އެފްއޭއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ދެ މެޗާއި އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކަށް ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސަން އެފްއޭއެމް ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. ކޯޗިންގައި މޯހަންގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ނިއު ރޭޑިއަންޓާ ހަވާލުވެހުރިއިރު، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްދީފަ އެވެ.
މޯހަން ވަނީ، އެފްއޭއެމް ނޯމަލައިޒިން ކޮމިޓީން ގައުމީ ކޯޗަކަށް އިއުލާނުކުރިއިރު ވެސް ކުރިމަތިލައިފަ އެެވެ. އެކަމަކު، ނޯމަލައިޒިން ކޮމިޓީން ފަހުން ނިންމީ، އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި އަލީ ސުޒޭނާ އެކު ކުރިއަށްދިއުމަށާއި އެފްއޭއެމްގެ އާ ހިންގާ ކޮމިޓީ އައުމުން އާ ކޯޗެއްގެ ކަންކަން ކުރިއަށްގެންދަން ދޫކޮށްލުމަށެެވެ.
މޯހަންގެ ކޯޗުކަމުގައި އަންނަ މަހު 6 ވަނަ ދުވަހާއި 9 ވަނަ ދުވަހު ގައުމީ ޓީމުން ސްރީ ލަންކާއާ ކުޅޭނެ އެވެ. އަދި، އޭޝިއަން ކަޕް ކޮލިފައިންގައި އޮކްޓޫބަރު މަހު، ނުވަ ވަނަ ދުވަހު ރަށުންބޭރުގައި ތަޖިކިސްތާނާއި ކުޅެފައި 14 ވަަނަ ދުވަހު ރާއްޖޭގައި ތަޖިކިސްތާނާ ކުޅޭނެ އެވެ. އަދި، ނޮވެމްބަރު މަހު، 18 ވަނަ ދުވަހު ރާއްޖޭގައި ފިލިޕީންސާ ބައްދަލުކުރާނެ އެވެ.
ކުރިން ނިއު އާއި ކްލަބް ވެލެންސިއާ އަދި އދ. މަހިބަދޫ ފުޓްބޯޅަ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދިން މޯހަން އެންމެ ފަހުން ހުރީ ކްލަބް އީގަލްސްގެ ކޯޗުކަަށެވެ. މޯހަން އެންމެ ފުރަތަމަ އީގަލްސްއާ ހަވާލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެ ޓީމުގައި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ރަނގަޅު މަސައްކަތްތަކެއް ކުރި އެވެ. އަދި އެ މުއްދަތުގައި އީގަލްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމަށް ލީގުގެ ދެ ވަަނަ ހޯދައިދީ އޭއެފްސީ ކަޕް ކޮލިފައިންއާ ހަމައަށް ގެންގޮސްދިނެވެ.
އީގަލްސް އިން ވަކިވުމަށް ފަހު މޯހަން ވަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ރ. އުނގޫފާރު ފުޓްބޯޅަ ޓީމުގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފަ އެވެ. އީގަލްސް ކޯޗުކަމާ އަލުން މޯހަން ހަވާލުވީ، ކްލަބް އީގަލްސްގެ ހެޑް ކޯޗުގެ މަގާމުގައި ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ)ގެ ބަލިހާލަތު ހުރި ގޮތުން، 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ