ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗަކަށް މޯހަން
ގައުމީ ސީނިއާ ފުޓްބޯޅަ ޓީމުގެ ހެޑު ކޯޗަކަށް މުހައްމަދު ޝިޔާޒް (މޯހަން) ހަަމަޖައްސައިފިއެވެ. ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންކުރި މޯހަންއަކީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކޯޗުންގެ ތެރެއިން ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ މަދު ކޯޗުންގެ ތެރެއިން އެކަކެވެ. މޯހަން ހަމަޖެއްސުމަށް ނިންމާފައިވަނީ އެފްއޭއެމް ހިންގާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައެވެ. ގައުމީ ކޯޗަކަށް މޯހަން ހަމަޖެއްސިކަން ހާމަކޮށް އެފްއޭއެމުން ނެރުނު ބަޔާނެއްގައިވާ ގޮތުން މޯހަންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމު އެންމެ ފުރަތަމަ ކުރިމަތިލާނީ އަންނަ މަހު ސްރީ ލަންކާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް ދެ މެޗާއި އޮކްޓޫބަރު މަހާއި ނޮވެމްބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅޭ މެޗުތަކެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އޮކްޓޫބަރު މަހު ނުވަ ވަނަ ދުވަހު ރަށުންބޭރުގައި ތަޖިކިސްތާނާއި ކުޅުމަށްފަހު އެ މަހުގެ 14 ވަަނަ ދުވަހު ރާއްޖޭގައި ތަޖިކިސްތާނާ ކުޅޭނެއެވެ. އެއަށްފަހު ނޮވެމްބަރު މަހު 18 ވަނަ ދުވަހު ރާއްޖޭގައި ފިލިޕީންސާ ބައްދަލުކުރާނެ އެވެ. މޯހަން އަކީ ދިވެހި ފުޓުބޯޅައިން މިހާތަނަށް ހޯދި ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައިވާ އެކަކެވެ. އޭނާ ވަނޯ 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މުބާރާތެއްގެ ތަށި ހޯދި ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ދިވެހި ޓީމުގެ އެސިސްޓަންޓު ކޯޗުކަންކޮށްފައެވެ. ކުލަބް ފުޓުބޯޅައިގައި ވެސް މޯހަންގެ ނަން ފާހަގަކޮށްލެވެއެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން 2012 ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕް ހޯދާފައެވެ. މީގެ އިތުރުން އެފްއޭއެމުގެ ޓެކްނިކަލް ޑިރެކްޓަރުކަމާއި ލޯކަލް ގިނަ ކުލަބުތަކަކަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ