އިސްލާމީ މިނިސްޓްރީން "މަޢުރިފާ" ފޮތް މަޢުރަޒު މި މަހު ބާއްވަނީ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން "މަޢުރިފާ" ގެ ނަމުގައި ފޮތް މަޢުރަޒެއް މި މަހުގެ 26 އިން 28 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "ފޮތްތެރިކަން - ބުއްދީގެ ކާނާ" މި ޝިޢާރުގެ ދަށުން ބޭއްވޭ މި މަޢުރަޒު އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މަޢުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ދެ ދަންފަޅިއަކަށެވެ. އެގޮތުން ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މަޢުރަޒު ހުޅުވިފައި ހުންނާނެއެވެ.
މި މަޢުރަޒުގެ މައިގަނޑު މަޤުސަދަކީ ފޮތް އުފައްދާ އަދި ވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި ހަމައެއާއެކު، ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މަޢުރަޒުގައި ބައިވެރިވުމަށް 15 ފަރާތަކަށް ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖާގަ ދޫކުރެވޭނީ އެންމެ ފުރަތަމަ ކުރިމަތިލާ 15 ފަރާތަށް ކަމަށް އިސްލާމީ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މަޢުރަޒަކީ ފޮތް ކިޔުމުގެ އާދަ އާލާކުރުމަށާއި، ފޮތުގެ ޒަރީއާއިން މުޖުތަމައުގެ ފިކުރީ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ