މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ހުށަހެޅި ބިލު ބަލައިނުގަނެ އަނބުރާ ފޮނުވާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް މުހައްމަދު މުއިއްޒު އަށް ގޮވާލައިފި އެވެ.
މިރޭ ނެރުނު ބަޔާނެއްގައި ސީޕީޖޭ އިން އޭޝިއާ-ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު ބެހް ލީޔީ ވަނީ މިނިވަން މީޑިއާއެއް ގާއިމުކުރާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު ނެގެހެއްޓުމަށް ގޮވާލާފަ އެވެ.
"ރައީސުލްޖުމްހުރިއްޔާ އައްޔަންކުރާ މެންބަރުންތަކެއް ހިމެނޭ އައު ކޮމިޝަނެއް ގާއިމުކޮށް، އެ ކޮމިޝަނަށް ފެންނަ ގޮތަކަށް މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކޮށް، މީޑިއާތައް އުވާލުމުގެ ބާރު ދިނުމަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަން ނައްތާލުން. އަދި ރާއްޖޭގެ ނާޒުކު ޑިމޮކްރެސީއަށް ގެއްލުން ދިނުން،" އޭނާ ވިދާޅުވެފައިވެ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެ އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގައި ތިބޭނީ ހަތް މެންބަރުން ކަމަށް ބިލުގައި ބުނެ އެވެ. އޭގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. އަނެއް ހަތަރު މެންބަރުންނަކީ މީޑިއާތަކުގެ ފަރާތުން އިންތިހާބު ކުރާ މެންބަރުންނެވެ. އެފަދަ އިންތިހާބެއްގައި ބައިވެރިވެވޭނީ ވުޖޫދުވިތާ ފަސް އަހަރުވެފައިވާ މީޑިއާތަކަށެވެ.
މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެންޖެހޭ ސަބަބެއް އެ ބިލުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އަދި ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ބިލުގައިވާ ގޮތުން ބޮޑެތި ބާރުތަކެއް އަލަށް އުފައްދާ ކޮމިޝަނަށް ލިބޭނެ އެވެ. އޭގެ ތެރޭގައި، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރުމާއި މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން ހިމެނެ އެވެ. އަދި ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.
އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުންދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރު ވެސް ކޮމިޝަނަށް ލިބޭނެ އެވެ.
މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން ސީޕީޖޭއިން މުއިއްޒުއަށް ގޮވާލައިފި މީޑިއާ ނެތިކޮށްލާ ބިލު ބޭރުކޮށްލަން ސީޕީޖޭއިން މުއިއްޒުއަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ