މަސްމާރުކޭޓު ހަދަން، 9.6 މިލިއަން ޑޮލަރަށް ހެދި ވާނުވާ އެއްބަސްވުމުގެ މައްސަލަ އޭސީސީއަށް

މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް، ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާއެކު، އެ ކަން ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަ ހުށަހަޅައިފައިވާކަމަށް މާލޭ ސިޓީގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު މިއަދު ވިދާޅުވެއްޖެއެވެ. އާޒިމް އިއްޔެ ވިދާޅުވީ، މަސް މާރުކޭޓު ހަދަން މާލޭ ސިޓީ ކައުންސިލުން ދެ އެއްބަސްވުމެއް ހަދާފައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ފަހު އެއްބަސްވުން ހަދާފައި އޮތީ ކާކު ނިންމައިގެން ކިހިނެއް ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި، އެ އެއްބަސްވުން ހަދާފައި އޮތީ ފުރަތަމަ އެއްބަސްވުމަށް ވުރެ ތިން މިލިއަން ޑޮލަރު ބޮޑުކޮށްނެވެ. އެކަމާ ގުޅިގެން އާޒިމަަށް މިއަދު ސައިފް ފޮނުއްވި ސިޓީއެއްގައި ވަނީ މާލެ ސިޓީ ކައުންސިލުގެ ފަރާތުން ރަސްމީކޮށް އޭސީސީއަށް މި މައްސަލަ ހުށަހެޅުން މުހިންމު ކަމުގައި ދެކިލައްވާކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ މެންބަރެއްގެ ޙައިސިއްޔަތުން ވެސް މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް ސައިފް ވަނީ ވިދާޅުވެފައެވެ. އެއާއެކު އޭނާ ވިދާޅުވީ އައު އެގްރިމަންޓެއް ޤާއިމުކުރަން ނުވަތަ އައު އެގްރިމަންޓާ ގުޅޭ އެއްވެސް ކަމަކަށް މާލެ ސިޓީ ކައުންސިލުން ރުހުންދީފައި ނުވާކަން އެނގެން އޮތް ކަަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާއިދުތަކުގެ ދަށުން މިފަދައިން އައު ކޮންޓްރެކްޓެއް ޤާއިމުކުރުމާއި، ކޮންޓްރެކްޓުގެ އަގަށް ބަދަލު ގެނައުމަކީ ހުއްދަކުރާ ކަމަކަށް ނުވާތީއާއި، މިކަމުގެ ސަބަބުން މާލެ ސިޓީ ކައުންސިލްގެ މައްޗަށް މާލީ ބޮޑެތި އިލްތިޒާމުތަކަކާއި ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށް ސައިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ވަކިބަޔަކަށް ނުޙައްޤު މަންފާއެއް ހޯދައިދޭން، ރިޝްވަތު ދިނުމުގެ ބޭނުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލު ހިމެނޭ، ޖިނާޢީ ކުށެއްކަމަށް ބުރަވެވޭ ކަމަށެވެ. އެހެންކަމުން ސައިފް ވަނީ ބޮޑު އަގުގައި އާ ކޮންޓްރެކްޓެއް ގާއިމްކުރީ ކޮން ސަބަބަކާހުރެ، ކޮން މަޤްޞަދެއްގައި، ކޮން އިޖުރާޢަތެއްގެ ދަށުން، ކާކުގެ އެންގުމަށްތޯއާއި، އެހެނިހެން ކަންކަން އޮޅުން ފިލުވަން ލީގަލް ސެކްޝަންގެ ވެރިޔާ ޢަލީ ނަސީރު ޤާސިމާ އަންނަ ބުދަ ދުވަހު އޮންނަ ކައުންސިލްގެ ޖަލްސާއަށް ޙާޒިރުކޮށްދިނުމަށް ވެސް އެދިލައްވައިފައެވެ. އަދި މައްސަލަ ބަލާ ނިމޭންދެން އޭނާ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްދިނުމަށް ވެސް އެދިލެއްވިއެވެ. މީގެ އިތުރުން މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި، ފުރަތަމަ އެގްރިމަންޓާއި ދެވަނަ އެގްރިމަންޓުގައި ހުރި މުހިންމު ތަފާތުތައް އެނގޭނެހެން މޭޔަރުގެ ފަރާތްޕުޅުން ތަފްސީލީ ރިޕޯޓެއް ވެސް ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ކަމާބެހޭ ދެ އެގްރިމަންޓާއި، ލިޔެލިޔުން ވެސް ޢާންމުކުރެއްވުމަށާއި، ނުވަތަ އެންމެ ކުޑަމިނުން އެ ލިޔެކިޔުން އޭނާއަށް ފޯރުކޮށްދިނުމަށް ވެސް ސައިފް އެދިލެއްވިއެވެ. މަސް މާރުކޭޓު އަޅަން ފުރަތަމަ އެއްބަސްވުން ހަދާފައި އޮތީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މޭޔަރުކަމުގައި 6.1 މިލިއަން ޑޮލަރަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށްފަހު، މޭޔަރު އާޒިމް މަގާމާ ހަވާލުވުމުގެ ކުރިން، އާ އެއްބަސްވުމެއް ހަދައި ފަހުން އޮތީ 9.6 މިލިއަން ޑޮލަރަށް އެހެން ބަޔަކާ އެ ކަން ހަވާލުކޮށްފައެވެ. އެ ފައިސާ ނުދެއްކި، ބިން ވެސް ގެއްލިދާނެކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ. އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ނަރީޝް ވިދާޅުވީ، ކައުންސިލުގެ ބިޑު ކޮމިޓީން ނިންމާ އަގަކަށް އެއްބަސްވުން ހެދުމަށް ފަހު، ދެވަނަ ފަހަރަށް ވެސް އެކަން ކުރެވޭނީ އެ ކޮމިޓީން ނިންމައިގެން ކަމަށެވެ. އެގޮތަށް އެކަން ނުކޮށް އޮތް ނަމަ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އަށް އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. މީގެ އިތުރަށް، ކައުންސިލްގެ އެއްބަސްވުމެއްގައި ހަމަވާން ޖެހޭ ހުރިހާ ލިޔުމެއް ހަމަނުވަނީސް އެ ކައުންސިލް ބޭފުޅަކު އޭގައި ސޮއިނުކުރާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ މިހާތަނަށް އެކަން ކުރަމުން އައި ގޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، މާރުކޭޓު ދެވަނަ ފަހަރަށް ދޫކޮށްފައި އޮތީ ލިޔުންތައް ނެތި ކަމަށް ވިދާޅުވެ، އާޒިމް ދައްކަވަނީ 'ބުއްދި ހަމަޖެހޭ' ވާހަކައެއް ނޫން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ، އެ ކައުންސިލްގެ އެއްވެސް ބޭފުޅަކު ލިޔުންތައް ހަމަނުވެ، އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާތީ ކަަމަށް ނަރީޝް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ