ސަތޭކަ އެތައް އަހަރެއް ވެފައި ހުރި އާދަޔާހިލާފު ބިޔަ މުރަކަތައް ހުރި ގޮއިދޫ ފަޅު ހިއްކައިގެން ލިބޭ ގެއްލުމަށް ވުރެ، މުސްތަގުބަލަށް ޓަކައި އެ ސަރަހައްދުގެ ކަނޑުގެ ވެށި ހިމާޔަތްކުރުމުގެ ފައިދާ މާ ބޮޑު ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓާލަން މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ގޮވާލައިފި އެވެ.
ކޮރަލް އިންސްޓިޓިއުޓުން މިހެން ބުނެ ބަޔާނެއް ނެރުނީ ގޮއިދޫ ފަޅު ފުންކޮށްގެން އެ ތަނުގައި ރިސޯޓެއް ތަރައްގީކުރަން މި މަސް ނިމުމުގެ ކުރިން ބަޔަކާ އެކީ ސޮއިކުރާނެ ކަމަށް މިފަހުން ބ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.
މި ޕްރޮޖެކްޓާ މެދު ކަންބޮޑުވުން ފާޅުކުރަމުން ކޮރަލް އިންސްޓިޓިއުޓުން ބުނީ، ގޮއިދޫ ފަޅުގައި ހުރި ދުވަސްވީ މުރަކަތަކަކީ މުރަކަ ހުދުވުމުގެ ހާދިސާތަކުން ސަލާމަތްވެ، މުުރަކަތަކަަށް ވަމުންދާ ގެއްލުންތަކަށް ވިލުންވެރި، ދެމިހުރި މުރަކަތަކެއް ކަމަށެވެ. އަދި މި ގުދުރަތީ މުއްސަނދިކަމަކީ ގައުމީ އަދި ބައިނަލްއަގުވާމީ ގޮތުން ބެއްޔަސް، މުހިންމު އަދި އަގުހުރި އެއްޗެއް ކަމަށް ވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.
ގޮއިދޫ ފަޅުގެ އެންމެ ހާއްސަ ސިފައަކީ އެ ތަނުގައި ހުރި އާދަޔާ ހިލާފު ބޮޑެތި އަދި ދުވަސްވީ މުރަކައިގެ ބަގީޗާތަކެވެ. ކޮރަލް އިންސްޓިޓިއުޓުން ބުނީ، އެ ޖަމިއްޔާ އާއި މެޕް ދަ ޖަޔަންޓްސް ގުޅިގެން އެ ސަރަހައްދުގައި ހުރި މި ސައިޒުގެ 12 މުރަކައެއްގައި މިންއަޅާފާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕޮރައިޓީސް އާއި ޓާބިނޭރިއާ އަދި ޕަވޯނާ އާއިލާއަށް ނިސްބަތްވާ މުރަކަތައް ހިމެނެ އެވެ.
ކޮރަލް އިންސްޓިޓިއުޓުން މިންއެޅި މުރަކަތަކުގެ ވަށަމިނުމުގައި 15 މީޓަރާއި 37 މީޓަރު ހުއްޓެވެ. އެ ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި މި މުރަކަތަކަށް އުމުރުން މަދުވެގެން 300 އަހަރާއި 500 އަހަރު ހުންނާނެ އެވެ. ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު ހޫނުވުމާއި މުރަކަ ހުދުުވުމުގެ ހާދިސާތައް އިތުރުވަމުންދާ ދުވަސްވަރެއްގައި، މުރަކަތައް މިހާ ބޮޑުވެ އުމުރުން ދުވަސްވުމަކީ ނާދިރު ކަމެއްގެ ގޮތުގައި ކޮރަލް އިންސްޓިޓިއުޓުން ފާހަގަކުރި އެވެ.
"މި މުރަކަތަކަކީ އެއްވެސް ގެއްލުމެއް ނުލިބި، ފުރިހަމައަށް ދިރިހުރި އަދި މުރަކަ ހުދުވުމުގެ ބޮޑު ތިން ހާދިސާއަކުން ސަލާމަތްވެފައިވާ މުރަކަތަކެއް. މި މުރަކަތަކުން މުޅި ފަރު ނިޒާމަށް އަދި އެހެން ސަރަހައްދުތަކަށް ވެސް ވިހާ ލާވާތަކަކީ ވަރުގަދަ ލާވާތަކެއް. މުރަކަތަކުގެ ދެމިހުރުމުގެ ސިއްރު މި މުރަކަތަކުގައި އެކުލެވިގެންވުން އެކަށީގެންވޭ،" ކޮރަަލް އިންސްޓިޓިއުޓުގެ ބަޔާނުގައި ބުންޏެވެ.
ގޮއިދޫ އަތޮޅުން ފެނުނު 20 މީޓަރު ފުޅާމިނުގައި ހުރި ޓާބިނޭރިއާ މުރަކަ: މި ސަރަހައްދުގައި 37 މީޓަރު ވަށަމިނުގައި ހުރި ދުވަސްވީ މުރަކަ އެބަހުރި --- ފޮޓޯ: ޕީޓާ ހެރިސަން/ކޮރަލް އިންސްޓިޓިއުޓް
ގޮއިދޫ އަތޮޅަކީ، ގިނަ އަަކަކިލޯމީޓަރުތަކެއްގެ މައްޗަށް ފެތުރިފައިވާ، ދިރުންހުރި މުރަކަ އާއި ދިރޭތަކެތީގެ ވެއްޓެކެވެ. މި ސަރަހައްދުގައި އެކި ބާވަތްތަކުގެ މުރަކަ ގިނައިން ފެންނަން ހުރިއިރު، ރާއްޖޭގައި ފެންނަ މުރަކައިގެ ހުރިހާ ބާވަތްތަކެއްގެ މުރަކައިގެން ދެބައިކުޅަ އެއް ބައި އެ އަތޮޅަށް ފީނުމުން ފެންނަ ކަމަށް ކޮރަލް އިންސްޓިޓިއުޓުން ބުންޏެވެ.
"ދިރޭ މުރަކައިގެ ނިސްބަތް އާންމުކޮށް ހުންނަނީ 50-80 އިންސައްތައިގެ ދެމެދުގައި. މުރަކައިގެ މި ދުޅަހެޔޮކަމުގެ މިންވަރަކީ ހަމައެކަނި ރާއްޖެއަށް ނޫނީ، މުޅި ދުނިޔެއަށްވެސް އިސްތިސްނާ މިންވަރެއް،" އެ އިންސްޓިޓިއުޓުން ބުންޏެވެ.
ކޮރަލް އިންސްޓިޓިއުޓުން ވަނީ ގޮއިދޫ އަތޮޅުގެ ފެނުގެ ފިނިހޫނުމިނާއި މުރަކަ ހުދުވުމުގެ މައުލޫމާތު އެއްކޮށް، ގިނަ އަހަރުތަކެއްގެ މައްޗަށް ދިރާސާކޮށްފަ އެވެ. މި ދިރާސާތަކާ ހަވާލާދީ އެ ޖަމިއްޔާއިން ބުނީ މި ފަރުތަކުގައި ހުރި މުރަކަތަކަކީ ހޫނުމިން ވަރަށް ބޮޑަށް ތަހައްމަލުކުރުމުގެ ގާބިލުކަން ހުރި މުރަކަތަކެއް ކަން ޔަގީންވާ ކަމަށެވެ.
"ރާއްޖޭގައި މުރަކަ ހުދުވާން ފަށާ ހޫނުމިނަކީ 30.5 ޑިގްރީ ސެލްސިއަސް ކަމަށް ބެލެވޭ. ނަމަވެސް، މި ސަރަހައްދުގެ މުރަކައިގެ 74.8 ޕަސެންޓު ހުދުވި ނަމަވެސް، 38.3 ޕަސެންޓު އެކަނި މަރުވެފައިވާއިރު، 49.3 ޕަސެންޓު ވަނީ އެއްކޮށް ނުވަތަ ބައެެއް މިންވަރަކަށް އަލުން ރަނގަޅުވެފަ،" ކޮރަލް އިންސްޓިޓިއުޓުން ބުންޏެވެ.
ކޮރަލް އިންސްޓިޓިއުޓުން ބުނި ގޮތުގައި ރިސޯޓު ތަރައްގީކޮށްގެން ލިބޭ އާމްދަނީއަށް ވުރެ ފައިދާ އަތޮޅުގެ ރައްޔިތުންނަށް ފައިދާ ބޮޑީ ގޮއިދޫ އަތޮޅުގެ ކަނޑުގެ ތިމާވެއްޓާއި ގުދުރަތީ ރީތިކަން ހިމާޔަތްކުރުމެވެ. މިހާރު ވެސް އެ އަތޮޅުގެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ ބިނާ ވަނީ މި ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ކަން ފާހަގަކުރަމުން ކޮރަލް އިންސްޓިޓިއުޓުން ބުނީ މި ވަސީލަތްތައް ހަލާކުވެއްޖެ ނަމަ، އަލުން އަނބުރާ ހޯދުމަކީ ނުކުރެވޭނެ ކަމެއް ކަމަށެވެ.
އެ ގޮތުން ގޮއިދޫ އަތޮޅު ހިމާޔަތްކުރެވިއްޖެ ނަމަ، ރަށްރަށުގެ ގޮނޑުދޮށްތައް ރަނގަޅަށް ދިފާއުކުރެވި، ފެނުގެ ފެންވަރު މަތިވެ، ފަތުރުވެރިކަމުގެ ވަސީލަތްތައް އިތުރަށް ފަހިވެ، އަދި ކަނޑުން ލިބޭ ކާބޯތަކެތި މުސްތަގުބަލުގައި އިތުރަށް ރައްކާތެރިވެގެންދާނެ ކަމަށް އެ އިިންސްޓިޓިއުޓުން ދެކެ އެވެ. އަދި މި ތަނުގައި ހުރި ދެމިހުރުމުގެ ގާބިލުކަން ހުރި މުރަކަތަކަކީ "މާޒީގެ ކުޑަ ދޮރެއް އަދި މުސްތަގުބަލަށް އޮތް އުއްމީދެއް" ކަމަށް ސިފަކޮށް ގޮއިދޫ ފަޅުގެ ނާޒުކު ވެއްޓަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރަން އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ބިޔަ، މުސްކުޅި މުރަކަތައް ހުރި ގޮއިދޫ އަތޮޅު ހަލާކުކޮށްނުލައި ހިމާޔަތްކުރަން ކޮރަލް އިންސްޓިޓިއުޓުން ގޮވާލައިފި ބިޔަ، މުސްކުޅި މުރަކަތައް ހުރި ގޮއިދޫ އަތޮޅު ހަލާކުކޮށްނުލައި ހިމާޔަތްކުރަން ކޮރަލް އިންސްޓިޓިއުޓުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ