ބިޓްކޮއިން އާއި އީތާގެ އަގު ވެއްޓިއްޖެ
ކުރީގެ ހަފުތާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށްފަހު، އެންމެ ބޮޑު ދެ ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިން އާއި އީތާގެ އަގު ފާއިތުވި 24 ގަޑިއިރު ތެރޭގައި ދަށަށް ގޮސްފިއެވެ. ބުދަ ދުވަހު، ބައިނަލްއަގުވާމީ މާކެޓްތަކުގައި ބިޓްކޮއިންގެ އަގު 1.5 އިންސައްތަ ދަށަށް ގޮސް، 113,638 ޑޮލަރުގައި މުއާމަލާތް ކުރެވުނުއިރު، އީތާގެ އަގު 1.53 އިންސައްތަ ދަށްވެ، 4,176 ޑޮލަރަށް ވެއްޓިފައިވެއެވެ. މި އަގުތަކުގެ ހީނަރުކަން އޭޝިއާގެ އެކްސްޗޭންޖްތަކުންވެސް ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން އިންޑިއާގައި ބިޓްކޮއިންގެ އަގު 94.5 ލައްކަ ރުޕީސްއަށް ދަށަށް ދިޔައިރު، އީތާގެ އަގު ވަނީ 3.44 ލައްކަ ރުޕީސްއިން މަތީގައި ހިފެހެއްޓިފައެވެ. މާކެޓް އެނަލިސްޓުން ވިދާޅުވާ ގޮތުގައި، މި ދަށަށްދިޔަ މައިގަނޑު ސަބަބުތަކަކީ އިންވެސްޓްމަންޓް ފަންޑުތަކުން (އީޓީއެފް) ފައިސާ ބޭރުކުރުމާއި، ދުނިޔޭގެ އިގުތިޞާދަށް އަންނަމުންދާ ހީނަރުކަމާއި، އިންވެސްޓަރުންގެ އިތުބާރު ކުޑަވުމެވެ. އިންސްޓިޓިއުޝަނަލް ފްލޯތަކަށް އަލިއަޅުވާލަމުން ކޮއިންސްވިޗްއިން ބުނީ، ބިޓްކޮއިން ސްޕޮޓް އީޓީއެފްތަކުން ގާތްގަނޑަކަށް 523 މިލިއަން ޑޮލަރު އަދި އީތާ އީޓީއެފްތަކުން 415.9 މިލިއަން ޑޮލަރު ބޭރުވުމަކީ މާކެޓްގެ އިތުބާރު ކުޑަވެފައިވާކަމުގެ ހެއްކެއް ކަމަށެވެ. މީގެ އިތުރުން، މާކެޓްގައި 400 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިކުއިޑޭޓް ވެފައިވާކަން އެ ފަރާތުން ފާހަގަކުރެއެވެ. އިގުތިސާދީ ހާލަތުގެ އަސަރުވެސް މާކެޓަށް ވަނީ ކޮށްފައެވެ. މުޑްރެކްސްގެ ކޯ-ފައުންޑާ، އެޑުލް ޕަޓޭލް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެލްމިނިއަމް އާއި ސްޓީލްއަށް އިތުރު ޓެރިފްތަކެއް ކަނޑައެޅުއްވުމުން، އެމެރިކާގެ އިގްތިޞާދު ހީނަރުވެދާނެ ކަމުގެ ބިރު އުފެދި، އިންވެސްޓަރުން ނުރައްކާތަކަށް ފަސްޖެހެމުންދާ ކަމަށެވެ. އެހެންނަމަވެސް، "ބިޓްކޮއިން ވޭލްސް" (ބޮޑެތި އިންވެސްޓަރުން) ފާއިތުވި ހަފުތާގައި 20,000 އަށްވުރެ ގިނަ ބިޓްކޮއިން ގަނެފައިވުމުން، އެ އެސެޓަށް އޮތް ޑިމާންޑް ވަރުގަދަކަން ދައްކުވައިދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޕައި42 ގެ ކޯ-ފައުންޑާ، އަވްނާޝް ޝޭކަރް ވިދާޅުވީ، މިހާރު މާކެޓްގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި، އަގުތަކަށްވުރެ އަވަހަށް އިންވެސްޓަރުންގެ އިޙްސާސް ބަދަލުވަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންފްލޭޝަންގެ ކަންބޮޑުވުންތަކާއި، ޑިމާންޑް ދަށްވުމާއި، ފައިދާ ނެގުމަކީ މި ހީނަރުކަމުގެ މައިގަނޑު ސަބަބުތަކެވެ. ބޮޑެތި އަލްޓްކޮއިންތަކަށްވެސް ބާރުބޮޑުވެފައިވާއިރު، އެނަލިސްޓުން ގަބޫލުކުރާ ގޮތުގައި، އިންވެސްޓަރުންގެ އިތުބާރު އަލުން އިއާދަ ކުރެވިއްޖެނަމަ، އަންނަ ސެޕްޓެމްބަރު މަސް ވާނީ މާކެޓްގެ މިސްރާބު ކަނޑައަޅާނެ މުހިންމު މަހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ