އުކުޅަހުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އއ. އުކުޅަހުގައި އާ ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އއ. އުކުޅަހުގައި އޭޓީއެމްގެ ޚިދުމަތް ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓު މިނިސްޓަރުންގެ އިތުރުން ބޭންކްގެ ޗެއާޕާސަން އަޙްމަދު ޢަލީ ޙަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ވެސް، ބޭންކްގެ ޑިރެކްޓަރުންނާއި އިސްވެރިންގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ. އުކުޅަހަކީ ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު ރަށެކެވެ. އެއީ އަރިއަތޮޅު އުތުރުބުރީގެ މުހިންމު އިގުތިސާދީ މަރުކަޒެއް ވެސް މެއެވެ. އުކުޅަހުގައި ގާއިމުކުރި އައު ބްރާންޗްގެ ޚިދުމަތް ދެމުން ގެންދާނީ ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ. އުކުޅަހުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވުން: ހުޅުވައިދެއްވީ ރައީސް މުއިއްޒު -- ފޮޓޯ/ ބީއެމްއެލް "ރާއްޖޭގެ ގެސްޓްހައުސް ޓޫރިޒަމްގެ މުހިންމު މަރުކަޒެއް ކަމުގައިވާ އުކުޅަހުގެ މުޖުތަމައަށް އަޅުގަނޑުމެންގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކްގެ ސީއީއޯ ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 42 ބްރާންޗް، 144 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 202 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދޭކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ