އެމްޕީއެލްއިން އެއް ހަފުތާ ތެރޭ 1،800 އަށްވުރެ ގިނަ ކޮންޓެއިނަރު ކްލިއާކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)އިން މިދިޔަ ހަފުތާގައި 1،804 ކޮންޓެއިނަރު ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އޭގެތެރޭގައި ގިނައީ އަސާސީ ކާބޯތަކެތިކަމަށްވާ ފިޔައާއި ބިހެވެ. އެ ކުންފުނިން މިއަދު އާންމުކުރި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން އިއްޔެގެ ނިޔަލަށް މާލޭ ވިޔަފާރި ބަނދަރަށް މުދާ ހިފައިގެން އައި ބޯޓުފަހަރުގެ އޮޕަރޭޝަންތައް ވަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކްލިއަރެންސް ދެވުނު މުދަލުގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 1،453 ކޮންޓެއިނަރަކާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން 351 ކޮންޓެއިނަރެއް ހިމެނެއެވެ. މިއީ ބަރުދަނަށް ބަލާނަމަ ކޮންޓެއިނަރު ބޯޓުފަހަރުން 41،753.59 ފްރައިޓް ޓަނުގެ މުދަލެވެ. އަދި އާންމު މުދާ އުފުލާ ބޯޓުފަހަރުން 2،179.98 ފްރައިޓް ޓަނު ވަނީ ކްލިއާކޮށްފައެވެ. https://x.com/Portmv/status/2078793576205652366 މިދިޔަ ހަފުތާގެ ތެރޭގައި ވިޔަފާރި ބަނދަރުގެ ޓްރެފިކަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ ތިން ބޯޓަކާއި އާންމު މުދާ އުފުލާ ތިން ބޯޓު ބަނދަރަށް ކައިރިކުރިއިރު، މުދާ ބޭލުމަށްފަހު ދެ ބާވަތުން ކުރެ ކޮންމެ ބާވަތެއްގެ ހަތަރު ބޯޓު ވަނީ ބަނދަރުން ފުރާފައެވެ. މި މުއްދަތުގައި ބޯޓުފަހަރުން ޖުމްލަ 2،028 ކޮންޓެއިނަރު ބޭލި އިރު، ހުސްކޮށް އަދި އެހެނިހެން ބޭނުންތަކަށް 1،730 ކޮންޓެއިނަރު ވަނީ ރާއްޖޭން ބޭރުކޮށްފައެވެ. އެހެންކަމުން މުޅި ހަފްތާގެ ތެރޭގައި އެމްޕީއެލްއިން ވަނީ ޖުމްލަ 3،758 ކޮންޓެއިނަރުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި ސްޓޮކް ދެމެހެއްޓުމަށް ބޭނުންވާ މުހިންމު ބާވަތްތައް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން 15،821 ބަސްތާ ފިޔާ އަދި 15،530 ކޭސް ބިހުގެ އިތުރުން، 4،673 ބަސްތާ އަލުވި، 3،614 ކޭސް ޓޮމާޓޯ އަދި 2،112 ކޭސް ދޮންކެޔޮ މިދިޔަ ހަފްތާގައި ބަނދަރުން ވަނީ ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ