ޕީސީބީގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް ނަޝާތު އައްޔަންކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ގާނޫނީ ދާއިރާގެ މެންބަރުކަމަށް އަހުމަދު ނަޝާތު މިއަދު އައްޔަންކޮށްފިއެވެ. ރައިސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނަޝާތު އެ މަގާމަށް އައްޔަންކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައިވާއިރު، އީސީގެ މެންބަރުކަމުގެ ދެވަނަ ދައުރަކަށް ވެސް އޭނާ ވަނީ މިމަހުގެ 16 ވަނަ ދުވަހު އައްޔަންކުރައްވާފައެވެ. ނަޝާތު ވަނީ އިނގިރޭސިވިލާތުގެ މިޑްލްސެކްސް ޔުނިވަސިޓީން މާސްޓަސް އޮފް ލޯ އިން އިންޓަނޭޝަނަލް ލޯ ފުރިހަމަ ކުރައްވާފައެވެ. އޭނާ އީސީގެ މެންބަރަކަށް ވެވަޑައިގެންނެވީ، 2018 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރުގެ މަގާމުގައެވެ. މީގެ ކުރިން އެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމަށް ފަހު ކުރީގެ ސަރުކާރުން އޮތީ އެ ބޯޑަށް އައްޔަންކުރަން ޖެހޭ ބޭފުޅުން އައްޔަންނުކޮށެވެ. ކަން މިހެން އޮތުމުގެ ސަބަބުން އާ ސަރުކާރުން ކުންފުނިތަކުގެ ބޯޑަށް ހުށަހަޅާ، ބޭފުޅުން އައްޔަންކުރުމުގެ މަސައްކަތްތަށް އޮތީ ހުއްޓިފައެވެ. ނަމަވެސް މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ވަނީ ހަތަރު މެންބަރަކު ޕީސީބީއަށް އައްޔަންކުރައްވައި، ބޯޑުގެ މަސައްކަތްތައް ފެށުމަށް މަގުފަހިކޮށްދެއްވާފައެވެ. އެ މެންބަރުންގެ ތެރޭގައި އަޙްމަދު މުޝްތާޤު، ލީނާ ޢަބްދުލްޖަލީލް، މޫސާ ފަތުޙީ އާދަމް އަދި ހަސަން މުޣުނީ ހިމެނެއެވެ. އެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ހަމްދީ އަގީލް ވަނީ އައްޔަންކޮށްފިއެވެ. ޕީސީބީގެ ގާނޫނުގައިވާ ގޮތުން އެ ބޯޑުގައި ތިބޭނީ ރައީސް އައްޔަންކުރައްވާ ބޭބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދެއްވާ މެންބަރުންތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ