ލަންޑަން (މާޗް 1) - ގޯލްކީޕަރުންގެ އަތުގައި އަށް ސިކުންތަށް ވުރެ އިތުރަށް ބޯޅަ ބާއްވައިފިނަަމަ އިދިކޮޅު ޓީމަށް ކޯނަރެއް ދޭ ގޮތަށް ފުޓްބޯޅަ ގަވާއިދު ބަދަލުކުރަން ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ކަނޑައަޅައިފި އެވެ.
އައިފެބް އިން ދާދި ފަހުން ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ގޯލްކީޕަރުންނަށް އަށް ސިކުންތަށް ވުރެ ގިނަ ވަގުތު ބޯޅަ ނުހިފެހެއްޓޭ ގޮތަށް ހަދާ ގަވާއިދަށް އަމަލުކުރަން ފެށުމަށެވެ.
މި ވަގުތު އަމަލުކުރަމުން އަންނަ ގަވާއިދު ބުނާގޮތުން، ގޯލްކީޕަރުން ހަ ސިކުންތަށް ވުރެ އިތުރަށް ބޯޅަ ހިފަހައްޓައިފިނަމަ، އިދިކޮޅު ޓީމަށް ނުސީދާ ޖެހުމެއް ދޭނެ އެވެ. އެކަމަކު، ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި، ފުޓްބޯޅައިގެ ކަންކަން ބަދަލުވަމުން އައި ގޮތަށް ބަލާއިރު، ކީޕަރުން ބޯޅަ ހިފެހެއްޓުމުގެ ކަންކަން ބަދަލުވެފައިވަނީ، ވަގުތު ބޭކާރު ކުުރުމުގެ އުކުޅެއްގެ ގޮތުގަ އެވެ.
އެކަމަކު، އައިފެބް އިން ތައާރަފްކުރާ މި އާ ގަވާއިދާ އެކު، ގޯލްކީޕަރުންގެ ފަރާތުން ފެންނަ ވަގުތު ބޭކާރު ކުރުމުގެ ކަންކަމަށް ހައްލުތަކެއް އަންނާނެ ކަމަށް އައިފެބްގެ ޓެކްނިކަލް ވޯކިން ގްރޫޕުން ދެކެ އެވެ.
އިނގިރޭސި ބައެއް ޑިވިޝަންތަކުގައި ވަނީ، ގޯލްކީޕަރުން ބޯޅަ ހިފެހެއްޓުމާ އެކު، ގުނަން ފަށައި ފަސް ސިކުންތު ތެރޭގައި ކުޅުން ފަށަން ބާރު އަޅަމުންނެވެ. އެކަމަކު، މި ގޮތަށް އަމަލުކޮށްގެން ވެސް އެންމެ އެކަށޭނެ ބަދަލުތަކެއް ނާދެ އެވެ.
ފީފާގެ ޖެނެރަލް ސެކްރެޓަރީ، މަޓިއަސް ގްރަފްސްޓްރޯމް ވިދާޅުވީ، ގޯލްކީޕަރުންގެ މި ގަވާއިދުގެ ކަންކަން ދެނެގަންނަން ކުރި ޓެސްޓްތައް ދިޔައީ ރަނގަޅަށް ކަމަށާއި ގަވާއިދުގެ ތެރެއިން މިކަން ހިނގަން ފެށުމުން ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ގޯލްކީޕަރުންނާ ގުޅޭ ގަވާއިދަކަށް ބޮޑު ބަދަލެއް ގޯލްކީޕަރުންނާ ގުޅޭ ގަވާއިދަކަށް ބޮޑު ބަދަލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ