ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (މާޗް 2) - މިހާރު ކުރިއަށްދާ އައިސީސީ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާ އިން ކުޅުނު ގްރޫޕްގެ ފަހު މެޗުން ނިއު ޒީލެންޑް އަތުން މޮޅުވެ، ސެމީ ފައިނަލުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ޓްރޮފީ މުބާރާތް ޕާކިސްތާނުގައި ހޯސްޓްކުރި ނަމަވެސް، އިންޑިއާގެ މެޗުތައް ކުޅެމުންދަނީ ދުބާއީގަ އެވެ. އިންޑިއާ އަކީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމެވެ. އެ ގޮތުން، އިންޑިއާ އިން ފުރަތަމަ މެޗުގައި، ހަ ވިކެޓުން ބަންގްލަދޭޝް ބަލިކުރިއިރު، ދެ ވަަނަ މެޗުން ވާދަވެރި ޕާކިސްތާން ބަލިކުރި ވެސް ހަ ވިކެޓުންނެވެ.
މިރޭ ކުޅުނު ގްރޫޕްގެ ފަހު މެޗުން ނިއު ޒީލެންޑް އަތުން އިންޑިއާ މޮޅުވީ، 44 ލަނޑުންނެވެ.
ދުބާއީ އިންޓަނޭޝަނަލް މެޗުގައި ކުޅުނު މިރޭގެ މެޗުގައި، ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ފީލްޑް ކުރާށެވެ. އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 249 ލަނޑެވެ. އިންޑިއާ އިން އެންމެ ރަނގަޅު ސްކޯއެއް ހެދީ ވެންކަޓޭޝް އައްޔަރު އެވެ. އޭނާ ވަނީ، 98 ބޯޅައިން 79 ލަނޑު ހަދައިފަ އެވެ.
އިންޑިއާގެ ވިރާތު ކޯލީ އަށް ހެދުނީ 14 ބޯޅައިން 11 ލަނޑެވެ. ހާޑިކް ޕާންޑްޔާ ވަނީ 45 ބޯޅައިން 45 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ނިއު ޒީލެންޑުގެ މެޓް ހެންރީ ވަނީ ފަސް ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ނިއު ޒީލެންޑަށް 45.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 205 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ސްކޯއެއް ހޯދައިދިނީ، 120 ބޯޅައިން 81 ލަނޑު ހަދައިދިން ކޭން ވިލިއަމްސަން އެވެ. މި އިނިންގްސްގައި އިންޑިއާގެ ވަރުން ޗަކްރަވަރުތީ ވެސް ވަނީ ފަސް ވިކެޓް ނަގައިފަ އެވެ.
އިންޑިއާ އާއި އޮސްޓްރޭލިއާ ކުޅޭ ސެމީ ފައިނަލް އޮތީ އަންގާރަ ދުވަހުގެރޭގަ އެވެ. ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ފޯމެޓްގައި އިންޑިއާ އެންމެ ގިނަ މެޗުން ބަލިވެފައިވަނީ، އޮސްޓްރޭލިއާ އަތުންނެވެ.
އަނެއް ސެމީ ފައިނަލުގައި ދެކުނު އެފްރިކާ އިން ބައްދަލުކުރާނީ ނިއު ޒީލެންޑާ އެވެ.
ޗެމްޕިއަންސް ޓްރޮފީ ސެމީ ފައިނަލުގައި އިންޑިއާ އިން އޮސްޓްރޭލިއާއާ ދެކޮޅަށް ޗެމްޕިއަންސް ޓްރޮފީ ސެމީ ފައިނަލުގައި އިންޑިއާ އިން އޮސްޓްރޭލިއާއާ ދެކޮޅަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ