ފުލަމް އިން އެފްއޭ ކަޕުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފި ފުލަމް އިން އެފްއޭ ކަޕުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލައިފި

މެންޗެސްޓާ (މާޗް 3) - އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ޔުނައިޓެޑް ޕެނަލްޓީ ޖަހައިގެން 4-3 ބަލިކޮށް އެ ޓީމު ކަޓުވާލައި، ފުލަމް އިން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ނަތީޖާ އަކީ 1-1 އެވެ. ޕެނަލްޓީގައި، ފުލަމްގެ ކީޕަރު ބާން ލޭނޯ ވަނީ ޔުނައިޓެޑްގެ ވިކްޓަ ލިންޑަލޯފް އާއި ޖޯޝުއާ ޒާކްޒީގެ ޕެނަލްޓީތައް މަތަކޮށްފަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގައި ފުލަމް އިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަލްވިން ބާސީ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. ޔުނައިޓެޑް މޮޅުކޮށްދެން އަލެހަންދްރޯ ގާނާޗޯ ޖެހި ބޯޅަ ކީޕަރު ލެނޯ ވަނީ މަތަކޮށްފަ އެވެ. އަނެއްކޮޅުން، ފުލަމް މޮޅުކޮށްދޭން، އެމީލް ސްމިތު ރޯވް ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު، އަންދްރޭ އޮނާނާ ވަނީ މަތަކޮށްފަ އެވެ.
ފުރިހަމަ ވަގުތު ހަމަވެ، ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭގައި ޔުނައިޓެޑް މޮޅުކޮށްދޭން 17 އަހަރުގެ ފޯވާޑް ޗިޑޯ އޮބީ ޖެހި ބޯޅަ ކީޕަރު ލެނޯ ވަނީ މަތަކޮށްފަ އެވެ.
ޕެނަލްޓީގައި، ފުލަމް އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ރައުލް ހިމެނޭޒް، ސަންޑަ ބާގާ، ވިލިއަން އަދި އެންޓޮނީ ރޮބިންސަން އެވެ. ޔުނައިޓެޑްގެ ފުރަތަމަ ތިން ޕެނަލްޓީ ފެނާންޑޭސް، ކަސެމީރޯ އަދި ޑިއޯގޯ ޑަލޯ ކާމިޔާބުކުރި ނަމަވެސް، ދެން ފޮނުވާލި ދެ ޕެނަލްޓީ ޒާކްޒީ އާއި ލިންޑެލޯފް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ.
ބްރައިޓަން އިން ވަނީ ނިއުކާސަލް ޔުނައިޓެޑް ދަނޑުގައި 2-1 އިން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. ކުއާޓާގައި ބްރައިޓަން އިން ކުޅޭނީ ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗު ޓައުން ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ބޯންމައުތާ އެވެ. ފުލަމް އިން ކްރިސްޓަލް ޕެލަސްއާ ކުޅޭއިރު، އެސްޓަން ވިލާ އިން ބައްދަލުކުރާނީ ޕްރެސްޓަންއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ