ނައިބު ރައީސް، ތަޖިކިސްތާނުގެ ބޮޑުވަޒީރުގެ އަރިހަށް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ތަޖިކިސްތާނުގެ ބޮޑުވަޒީރު، ޤަހީރު ރަސޫލްޒޮދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ނައިބު ރައީސް، ތަޖިކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، "ހައި-ލެވެލް އިންޓަރނޭޝަނަލް ކޮންފަރަންސް އޮން ގްލޭޝިއާސް ޕްރިޒަވޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ޤައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމަށް ވާއިރު، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ސީދާ ގޮތުން އޮތް ނުރައްކަލެއް ކަމަށް ދެ ބޭފުޅުންވެސް ފާހަގަކުރެއްވި އެވެ. އަދި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ދެބޭފުޅުންވެސް ފާޅުކުރެއްވި އެވެ.
ދެގައުމުގެ މެދުގައި، ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން ހަރުދަނާކޮށް އެގުޅިން އިތުރަށް ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މި ބައްދަލުކުރެއްވުމުގައި ވަނީ އަލިއަޅުވާލައްވައިފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުންވެސް ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، ތަޖިކިސްތާނުން ވަނީ މި ސިނާއަތުގެ ބައިނަލްއަޤުވާމީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ރާއްޖެ ބަލައިގަންނަކަމުގައި ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
މީގެއިތުރުން ދެ ބޭފުޅުން ވެސް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމަށްވެސް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ