އާޖެންޓީނާގެ ވޯލްޑްކަޕު ސްކޮޑުގައި މެސީ، ގަނާޗޯ އަދި މާޓިނޭޒް، ޑިބާލާއަށް ފުރުސަތެއް ނެތް
އަންނަ ޖޫންމަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އެކުލަވާލި 55 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑު އިއުލާންކޮށްފިއެވެ. މި ސްކޮޑުގެ އެންމެ ކުރީގައި އޮތީ އެގައުމުގެ ލެޖެންޑަރީ ކެޕްޓަން ލިއޮނަލް މެސީގެ ނަމެވެ. އުތުރު އެމެރިކާގައި ބާއްވާ މި މުބާރާތުގައި ތަށި ދިފާއުކުރުމަށް އާޖެންޓީނާއިން ނުކުންނައިރު، ކޯޗު ސްކަލޯނީ ވަނީ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން މި ލިސްޓުގައި ހިމަނާފައެވެ. މި ފަހަރު އިއުލާނު ކުރި ސްކޮޑާއި އެކު އެންމެ ގިނަ ބަޔަކަށް އެންމެ ބޮޑު ސިހުމެއް ލިބުނީ އިޓަލީގެ ރޯމާ އަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޕައުލޯ ދީބާލާ އަށް ފުރުސަތު ނުލިބުމުންނެވެ. ގައުމީ ޓީމަށް 40 މެޗު ކުޅެދީފައިވާ ދީބާލާގެ އިތުރުން، އެންހެލް ކޮރެއާ އަދި ވެސްޓް ހޭމްގެ ވެލެންޓިން ކަސްޓެލާނޯސް އަށް ވެސް މި ލިސްޓުން ޖާގަ ލިބިފައެއް ނުވެއެވެ. މިއީ ސްކަލޯނީގެ ޓެކްޓިކަލް ވިސްނުމަށް އައި ބަދަލެއްގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް މި ސްކޮޑުގައި ހިމެނެއެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ލިސަންދްރޯ މާޓިނޭޒް އާއި ޗެލްސީގެ އެންޒޯ ފެނާންޑޭޒް ހިމެނެއެވެ. އަދި 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ފަހު ގައުމީ ޓީމުން ފުރުސަތު ނުލިބޭ މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ތަރި އަލެހަންދްރޯ ގާނާޗޯ ވެސް ވަނީ އަލުން ޓީމަށް ނަގާފައެވެ. ސްކަލޯނީ ވަނީ މުސްތަގުބަލަށް އަމާޒުކޮށްގެން ވަރަށް ޒުވާން ކުޅުންތެރިންތަކަކަށް ވެސް ފުރުސަތު ދީފައެވެ. އޭގެ ތެރޭގައި ރެއާލް މެޑްރިޑްގެ ފްރެންކޯ މަސްޓަންޓުއޯނޯ އާއި ޖިރޯނާގެ ކްލައުޑިއޯ އެޗެވޭރީ ހިމެނެއެވެ. މީގެ އިތުރުން އެސްޓަން ވިލާގެ އެމިލިއާނޯ ބުއެންޑިއާ އާއި ނޮޓިންހަމް ފޮރެސްޓްގެ ނިކޮލަސް ޑޮމިންގޭޒް ވެސް ވަނީ އަލުން ޓީމަށް ނަގާފައެވެ. ޑިފެންސް ވަރުގަދަކުރުމުގެ ގޮތުން އާޖެންޓީނާ ލީގަށް ނިސްބަތްވާ ބޮކާ ޖޫނިއާސްގެ ލައުޓާރޯ ޑި ލޯލޯ ފަދަ އާ ކުޅުންތެރިންނަށް ވެސް ވަނީ ފުރުސަތު ދީފައެވެ. ކީޕަރުންގެ ތެރެއިން އެމިލިއާނޯ މާޓިނޭޒް އާއި ޖެރޯނިމޯ ރޫލީގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، ތިންވަނަ ކީޕަރަކަށް ވާދަކުރަނީ ހުއާން މުސޯ އާއި ވޯލްޓާ ބެނިޓޭޒް އެވެ. މި ޕްރޮވިޝަނަލް ލިސްޓުގައި ހިމެނޭ 55 ކުޅުންތެރިންގެ ތެރެއިން، ވޯލްޑް ކަޕަށް ދާ ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑު އިއުލާންކުރަން ޖެހެނީ މެއި މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ. އެހެންކަމުން މިހާރު ލިސްޓުގައި ހިމެނިފައިވާ ގިނަ ކުޅުންތެރިންނަށް ޖެހޭނީ ފައިނަލް ސްކޮޑުން ޖާގަ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ