ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި، ސުވާލުކުރާނީ ކޮން ނޫސްވެރިންތަކެއްތޯ އާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮން ނޫސްވެރިންތަކަކަށްްތޯ ރައީސްއަކަށް ނުނިންމޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން އޭނާ ބޭރުކޮށްލި މައްސަލައިގައި އެވެ.
މިކަމާ ގުޅުވާ ޝާހިދު އެކްސްގައި ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ހުރި ނޫސްވެރިޔަކު މުއިއްޒުގެ އަންގަވައިގެން އެ ތަނުން ބޭރުކުރުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި، ރައީސްއަށް ވިޔަސް ސުވާލުކުރެވޭނެ ނޫސްވެރިންނާއި ސުވާލުކުރަން ނުދީ ބޭރުކޮށްލާނެ ނޫސްވެރިން ކަނޑައެޅުމުގެ ބާރު ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މިނިވަން ނޫސްވެރިކަމަށް ދޭ ހަމަލާއެއް އަދި ރާއްޖޭގެ ޑިމޮކްރެސީއަށް އޮތް އިންޒާރެއް." ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ޕޯސްޓުގައި އޭނާ ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އިހުތިރާމްކުރުމަށާއި ރައްޔިތުންގެ މި ހައްގަށް އިހުތިރާމްކުރަން މުއިއްޒުއަށް ގޮވާލައްވާފަ އެވެ.
ޝަހުޒާން ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުން ބޭރުކޮށްލީ، މުއިއްޒުއަށް ކުރެވޭ ޖިންސީ ކުށުގެ ތުހުމަތުތަކަކާ ގުޅިގެން ސުވާލުކުރުމުންނެވެ. އެ ސުވާލުކުރުމުން މުއިއްޒު ވަނީ ޝަހުޒާން ކޯޓުގެ އަމުރަކާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ނޫސްވެރިންގެ ބައްދަލުވުމުން ދޫކޮށްދާން އަންގަވާފަ އެވެ.
މި ސުވާލުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުގެ އަމުރާ ހިލާފުވެފައިވާ މައްސަލަ ބަލަން ޝަހުޒާން ހާޒިރުވާން އަންގާފަ އެވެ. ޝަހުޒާންގެ އިތުރުން، މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް އެ ކޯޓުގެ އަމުރަކާ ހިލާފުވީ މައްސަލަ ބަލަން ހާޒިރުވާން ވަނީ އަންގާފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ އަމުރަކީ އަދަދު ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީގައި، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ގަޒުފުކުރި ކަމަށް ތުހުމަތުކޮށް އެ ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަމުރެކެވެ.
ސުވާލުކުރަން ތިބޭ ނޫސްވެރިން ތަންތަނުން ނެރުމުގެ ބާރެއް ރައީސްއަކަށް ނޯވޭ: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ