ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފިއެވެ. ރައީސް އޮފީހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަމުންދާކަމަށް އެ އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހަމައެއާއެކު މިއަދުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައާ ގުޅިގެން ކުރި އަމުރާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަމަލުކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އެހެންކަމުން "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، އެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ހުއްދަ ދޫނުކުރުމަށް ނިންމައިފައިވާކަމަށް އެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ