ރައީސް މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ މިިނިސްޓަރުން ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި އެވެ.
ވީކިިހިނެއް؟ - 'އަދަދު' ނޫހުން 28 މާޗުގައި އާންމުކުރި ޑޮކިއުމަންޓަރީއަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުގެ ދައުވާކޮށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން މައްސަލަ ކޯޓަށް ހުށެހެޅީ ގެގް އޯޑަރަކަށް ވެސް އެދިފަ އެވެ. ޕީޖީ އޮފީހުން އެދުނު އަމުރު ކޯޓުން ނެރެދިނެވެ.
އެ ގޮތުން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ:
މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން
ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް
ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން
މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
މި ގޮތަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ރޭގަނޑުގެ ދަން ވަގުތުތަކުގައި ރައީސް މުއިއްޒު ގުޅުއްވާފައިވާކަން ފެންނަ ކޯލް ލޮގުތަކުގެ އެބަހުރިކަމަށް ބުނެ 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރި އެވެ. ކޯޓުން ނެރުނު އަމުރާ ޝަހުޒާން ހިލާފުވި ކަމަށް ރައީސް އެންގެވުމުން، އެ ތަނުގެ ސެކިއުރިޓީން ޝަހުޒާން ނެރުނެވެ.
ތަފްސީލް - ރައީސް އޮފީހުން މިރޭ ބުނީ 'އަދަދު' ނޫހުގެ ޑޮކިއުމަންޓަރީއާ ގުޅޭ ޖިނާއީ ކުށުގެ ތުހުމަތުވާ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ކަމާއި އެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް ބަލަމުންދާކަމުގެ މައުލޫމާތު ރައީސް އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ.
އޭ އިތުރުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދުު' ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ވެސް ހިލާފުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެހެންވެގެން، ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުންތަކަށް އެކުލަވާލާފައިވާ އުސޫލުން އެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން ނޫސްވެރިންގެ ބައްދަލުވުމަށް ވަނުމުގެ ހުއްދަ 'އަދަދު' ނޫހަށް ނުދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެެސެޖުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފަށް ޝަހުޒާން ސުވާލުކުރި ކަމުގެ ތުހުމަތުގައި މާދަމާ މެންދުރުފަހު 1 ޖަހާއިރަށް އެ ކޯޓަށް ހާޒިރުވާން ޖެހެ އެވެ. އަދި ކޯޓުން ނެރުނު އަމުރުގެ ހަބަރު ލިޔެގެން ވެސް އަމުރާ ހިލާފުވި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މާދަމާ ހެނދުނު 11 ޖަހާއިރަށް ކޯޓަށް ހާޒިރުކުރެ އެވެ.
އެނގުން މުހިންމު - މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ.
ޑޮކިއުމެންޓްރީ ނެރުނުތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުން މި މައްސަލައިގެ ތަހުގީގުގެ ދުވެލި އަވަސްވެ، 'އަދަދު' ނޫސް ހިންގަމުންދާ އޮފީސް ފުލުހުން ރެއިޑްކޮށް އެ ތަނުގައި ހުރި މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވެސް، ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭ ގޮތުން ޝަހުޒާން ރައީސް މުއިއްޒުއާ ސުވާލުކުރި ދުވަހުގެ ރޭގަ އެވެ.
ަސަރުކާރުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ