ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ހުއްދަ އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީން ވިދާޅުވީ އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދެއްވާފައިވާތީއާއި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުންދާކަމަށް އެއޮފީހަށް މަޢުލޫމާތު ދެއްވައިފައިވާފައިވާކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު 10:00ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 528/Cr-C/2026 ޤަޟިއްޔާއިން އެ ކޯޓުން ބަލަމުންދާ މައްސަލައިގައި މިމަހުގެ 10ވަނަ ދުވަހު ކޮށްފައިވާ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރާ" ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޛާން ޢަމަލުކޮށްފައިވާކަމަށެވެ.
އެހެންކަމުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ 39ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް، "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ 13ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމަށެވެ.
އަދަދުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ކޮންފަރެންސްއިން ނެރުނީ ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލެއްގައި ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންނެވެ.
ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުމުގެ ހުއްދަ އަދަދު ނޫހަށް ނުދޭން ނިންމާފައިވާއިރު، އަދަދު ނޫހުން ދައުރުކޮށްފައިވާ އެ ކޮންޓެންޓާ ގުޅޭ ވާހަކަ ދެއްކުން މަނާކޮށް ނެރުނު އަމުރަށް ބެލުމެއް ނެތި އެކަމާ ގުޅުވައިގެން ސުވާލުކުރުމުން އަދަދު ނޫޙުގެ ނޫސްވެރިޔާ ޝަހުޒާން ކޯޓަށް ހާޒިރުވާން ވަނީ އަންގާފައެވެ.
ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުމުގެ ހުއްދަ އަދަދު ނޫހަށް ނުދޭން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ