"އަދަދު" ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
އަދަދުގެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލާގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލާފައިވާތީ، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.
ރައީސް އޮފީހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އަދަދު ނޫހުގެ ސޯޝަލް މީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބަލަމުންދާކަމަށް މައުލޫމާތު ދީފައިވާތީ އާއި މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ އިތުރުން ރައީސްގެ އޮފީހަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި ރައީސް އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ނުވައްދަން ނިންމާފައިވާ ކަމަށެވެ.
އަދަދު ނޫހުގެ ނޫސްވެރިން ރައީސް އޮފީހަށް ނުވައްދަން ނިންމިއިރު، މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އަދަދު ނޫހުގެ ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ކުރި ސުވާލާ ގުޅިގެން އޭނާ ވަނީ އެތަނުން ނެރެފަ އެވެ.
އެ މައްސަލާގައި ކޯޓުގެ އަމުރާ ހިލާފްވި ކަމަށް ބުނެ ޝަހުޒާނާއި އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ވެސް އޮތީ އަންގައިފަ އެވެ އެގޮތުން ލީވާން ހާޒިރުކުރަނީ ކޯޓުން ނެރުނު އަމުރާ ގުޅޭ ހަބަރެއް އޭނާ ލިޔެފައިވާ ގޮތާ ގުޅޭގޮތުންނެވެ.
"އަދަދު"ގެ ނޫސްވެރިން ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން ވަގުތީ ގޮތުން މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ