އިރާނުގެ ކުރީގެ ކެޕްޓަން އަލީ ކަރީމީގެ މުދާތައް ސަރުކާރަށް ނަގައިފި

އިރާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ ކަރީމީއާ ގުޅުންހުރި ހަރު މުދާތަށް ހިފަހައްޓާފައިވާކަން އެ ގައުމުގެ ސަރުކާރުން  މިއަދު އިއުލާންކޮށްފި އެވެ.
ގާތްގަނޑަކަށް 15 އަހަރު އިރާންގެ ގައުމީ ޓީމަށް ކުޅުނު ކަރީމީ ކުޅުނު ދުވަސް ވަރު އޭނާ މަޝްހޫރު ވެފައި ވަނީ "އޭޝިއާގެ މެރަޑޯނާ" ގެ ގޮތުގަ އެވެ. ކުރިން ބެޔާން މިޔުނިކަށް ވެސް ކުޅުނު މިޑްފީލްޑަރު ވަނީ ގައުމީ ޓީމަށް ކުޅުނު ހުއްޓާލުމަށް ފަހު ޓީމުގެ އެސިސްޓެންޓް ކޯޗުކަން ވެސް އޭނާ މުއްދަތަކަށް ކުރި އެވެ. އެކަމަކު މިފަހުން ފުޓްބޯޅައިގެ ހަރަކާތްތަކަށް ވުރެ އޭނާ ފާހަގަ ވެފައި ވަނީ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ.
އިރާނުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަށް ހިތްވަރުދީ، ދިރިއުޅޭ ކަރީމީ ވާހަކަ ދައްކަ އެވެ. އެހެންވެ އެ ގައުމުގެ ސަރުކާރުން އޭނާ ބަލައިގެންފައި ވަނީ ގައުމީ ދުޝްމަނެއްގެ ގޮތުގަ އެވެ. 
އިރާންގެ ޝަރުއީ ދާއިރާގެ "މީޒާން" ނިއުސް އެޖެންސީން ކަރީމީ ސިފަކޮށްފައިވަނީ "ގައުމަށް ހިޔާނާތްތެރިވެ، ދުޝްމަނުންނަށް އެހީތެރިވާ މީހެއްގެ" ގޮތުގައެވެ. އަތުލައިގަތް މުދަލުގެ ތެރޭގައި ދެ ވިޔަފާރި އިމާރާތަކާއި ހަތަރު ރެސިޑެންޝަލް ޔުނިޓް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިރާނުގެ ފުކުހުންގެ ހައްޔަރުގައި މަރުވި އަންހެން އެކްޓިވިސްޓް މަހްޝާ އަމީނީގެ މަރާ ގުޅިގެން 2022 ވަނަ އަހަރު ކުރި މުޒާހަރާތަކަށް ތާއީދުކުރުމުން، ކަރީމީގެ މައްޗަށް ވަނީ އޭނާގެ ޣައިރު ހާޒިރުގައި ދައުވާވެސް އުފުލާފަ އެވެ.
މިދިޔަ އޭޕްރީލް މަހު އިރާންގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ޒަހްރާ ޣަންބަރީގެ ހިފަހައްޓާފައިވާ މުދާތައް ދޫކޮށްލާފައެވެ. އޭނާގެ މުދާ ހިފެހެއްޓީ އޮސްޓްރޭލިއާއިން ހިމާޔަތް ހޯދަން އުޅުމަށްފަހު އެ ނިންމުން ބަދަލުކޮށް އެނބުރި ގައުމަށް ދިއުމުގެ ކުރިންނެވެ.
އިރާންގެ ފިރިހެން ގައުމީ ޓީމު އަންނަ ޖޫން މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އިޒްރޭލާއި އެމެރިކާއިން އިވެސް އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމާ ގުޅިގެން ވޯލްޑް ކަޕްގައި އިރާން ބައިވެރިވާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.  
ވޯލްޑް ކަޕް ކޮލިފައިން 2014 ގައި ރާއްޖެއާ އެއް ގުރޫޕެއްގައި އޭރު ލައްވާލި އިރާން ޓީމުގައި ކަރީމީ ވަނީ ދެ ލެގްގެ މެޗުގައި ވެސް ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ. ކިން ހާއްސަކޮށް، 23 ޖުލައި 2011 ގައި ފުރަތަމަ ލެގު ތެހެރާންގައި ކުޅެ، އިރާނުން 4-0 އިން މޮޅުވި މެޗުގެ 67 ވަނަ މިނެޓުގައި ކަރީމީ ވަނީ ބޮލުން ލަނޑެއް ޖަހައިފަ އެވެ. 
އޭގެ ފަހުން ދެވަނަ ލެގް މެޗުގައި، މާލޭގެ ގަލޮޅު ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކަރީމީ ކުޅެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ